ދައުލަތުގެ ބަޖެޓުން ޖުލައި 17 ވަނަ ދުވަހާއި ހަމައަށް ކޮށްފައިވާ ޚަރަދުތައް، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު %17.9 ދަށްވެއްޖެއެވެ. ޚަރަދަށްވުރެ އާމްދަނީ އިތުރުވެ، ޖުމްލަ ބަޖެޓު 1 ބިލިޔަން ރުފިޔާއިން އަރަނިވެފައިވާކަމަށްވެސް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވާ މިންވަރާއި ދައުލަތަށް ލިބިފައިވާ އާމްދަނީ ހިމަނައި، މާލީ ވުޒާރާއިން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓްގައިވާ ގޮތުން، ޖުލައި 17 ގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން 19.4 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ހޭދަކޮށްފައިވަނީ 23.7 ބިލިޔަން ރުފިޔާއެވެ. އެހެންކަމުން މިއީ %17.9 ދަށްވުމެކެވެ.
އެންމެ ބޮޑު އަދަދެއް ޚަރަދުކޮށްފައިވަނީ ރިކަރަންޓް ހަރަދުތަކަށެވެ. އެއީ 17.2 ބިލިޔަން ރުފިޔާއެވެ. ރިކަރަންޓް ހަރަދުތައްވެސް ވަނީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު %3.5 ދަށްކުރެވިފައެވެ.
ރިކަރަންޓް ހަރަދުތަކުގެ ތެރެއިން 7.1 ބިލިޔަން ރުފިޔާ ހޭދަކޮށްފައިވަނީ މުސާރަދިނުމާއި ޕެންޝަނަށެވެ. އަދި 9.9 ބިލިޔަން ރުފިޔާ ހޭދަކޮށްފައިވަނީ އެޑްމިނިސްޓްރޭޓިވް ހަރަދުތަކަށެވެ.
ހަރަދުތަކުގެ ތެރެއިން ކެޕިޓަލް ޚަރަދުތައް މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް ވަނީ %61.4 ދަށްކޮށްފައެވެ. މިއަހަރުގެ މިހާތަނަށް ކެޕިޓަލް ހަރަދުތަކުގެ ގޮތުގައި ހޭދަކޮށްފައިވަނީ 2.3 ބިލިޔަން ރުފިޔާއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މި އަދަދު ހުރީ 5.9 ބިލިޔަނުގައިކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކާގޮތުން ޖުލައި 17 ގެ ނިޔަލަށް ދައުލަތައް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ލިބުނު އަދަދުވަނީ %7.9 އިތުރުވެފައެވެ. މިއަހަރުގެ މި މުއްދަތުގައި އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ 20.5 ބިލިޔަން ރުފިޔާއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 19 ބިލިޔަން ރުފިޔާކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގެ ރިޕޯޓުން ދައްކައެވެ.