
ރާއްޖޭގެ ދެކުނުން އިންޑީއާ ކަނޑުގައި އޮންނަ ޗާގޯސް ރަށްތަކުގެ މައްޗަށް، ތާރީހުން ބެލިޔަސް އެންމެ ބޮޑު ހައްގެއް އޮތް ގައުމަކީ ރާއްޖެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އިނގިރޭސިވިލާތުގެ ޑެއިލީ އެކްސްޕްރެސް ނޫހަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ، ޗާގޯސްގެ ތާރީހަށް ބެލިޔަސް، ރާއްޖެއާއެކު އޮތް ގުޅުން ސާފުކޮށް ފެންނަން އޮންނާނެ ކަމަށެވެ.
އެގޮތުން، ޗާގޯސްއިން ދިވެހި ބަހުން ލިޔެފައި ހުރި މަހާނަގާވެސް ފެނިފައިވާއިރު، އެތަނުގައި އޭރި ވަޒަންވެރިންނާ ރާއްޖެއާ އޮތް ގުޅުންތައް ތާރީހުގައި ލިޔެވިފައިހުރިކަން ރައީސް ފާހަގަކުރެއްވިއެވެ. އެހެންކަމުން އެހެން އެއްވެސް ގައުމަކަށްވުރެ ޗާގޯސް ހައްގުވަނީ ރާއްޖެއަށްކަން ގަބޫލުރައްވާ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
އޭގެއިތުރުން، ޗާގޯސްއާ ގުޅޭގޮތުން ރާއްޖޭން ގެންގުޅޭ ވިސްނުމާއި ކަންބޮޑުވުންތައް ރަސްމީކޮށް އިނގިރޭސި ސަރުކާރާ ހިއްސާކޮށްފައިވާކަންވެސް ރައީސްވަނީ އެ އިންޓަވިއުގައި ފާހަގަކުރައްވައިފައެވެ.
އިނގިރޭސިވިލާތުން ޗާގޯސްގެ ރަށްތައް މޮރިޝަސްއާ ވަކިކޮށް، ގާއިމްކުރި އަސްކަރީ މަރުކަޒު އެމެރިކާއަށް ކުއްޔަށް ދޭން ނިންމާފައިވަނީ 1965ވަނަ އަހަރުއެވެ. ނަމަވެސް އެރަށްތައް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތުން މިހާރު އޮތީ ނިންމާފައެވެ.
މި އެއްބަސްވުމުގެ ސީދާ ތަފްސީލުތައް ރަސްމީކޮށް ހާމަކޮށްފައިނު ނަމަވެސް، މޮރިޝަސްއަށް ޗާގޯސް އަނބުރާ ދިނަސް، އެ ޖަޒީރާގެ އެންމެ ބޮޑު ރަށް ކަމަށްވާ ޑިއޭގޯ ގާސިއާ ނުވަތަ ފޯޅަވަހީގައި ހިންގާ އެމެރިކާގެ އަސްކަރީ މަރުކަޒު އެރަށުގައި ބާއްވަން ވަނީ ހިމަނާފައެވެ.
ޗާގޯސްގެ ސިޔާދަތީ ބާރު އޮތީ މޮރިޝަސްއަށް ކަމަށް ގަބޫލުކޮށް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި، އެ ގައުމުގެ ބޮޑުވަޒީރަށް ފޮނުވި ސިޓީއެއްގެ މައްސަލަވެސް އޭރު ބޮޑުވެފައިވެއެވެ. އިޓްލޮސްގެ ނިންމުމުގެ ސަބަބުން ރާއްޖޭގެ އީއީޒެޑުން 44،000 އަކަކިލޯމީޓަރުގެ ބޮޑު ސަރަހައްދެއް ގެއްލިފައިވާކަމަށް އޭރުގެ އިދިކޮޅުގައި ތިބި ފަރާތްތަކުންނާއި ކުރީގެ ބަންޑާރަ ނައިބުން ދިޔައީ ވިދާޅުވަމުންނެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުމުގައި ރައީސްގެ އެ ސިޓީފުޅުގެ ދައުރު މުހިންމު ކަމަށް އޭރު އެބޭފުޅުން ދިޔައީ ވިދާޅުވަމުންނެވެ. އެ ސިޓީގައި އޮތް އެއްޗެއް މިހާތަނަށްވެސް ހާމަކޮށްފައެއް ނުވެއެވެ.

