ޗައިނާގެ ފުޖިއަން ޕްރޮވިންސްގެ ފަރާތުން ގިނަ އަދަދެއްގެ ކުޅިވަރު ސާމާނު އަނެއްކާ ވެސް ރާއްޖެ އަށް ހަދިޔާކޮށްފި އެވެ.
ހެންވޭރު ބޯޅަ ގޭގައި އިއްޔެ އޮތް ރަސްމިއްޔާތުގައި އެ ސާމާނާ ސަރުކާރުގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިޢު އެވެ. ޗައިނާގެ ފަރާތުން ސާމާނު ހަވާލުކޮށް ދެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮން ޝިންހުއާ އެވެ.
ޗައިނާ އިން ހަދިޔާކުރި ކުޅިވަރު ސާމާނުގެ ތެރޭގައި ހިމެނެނީ ފުޓްބޯޅަ، ސްޕޯޓްސް ބެކްޕެކް އަދި ޖާޒީ ފަދަ ތަކެއްޗެވެ.
މިއީ މި އަހަރު ފުޖިއަން ޕްރޮވިންސުން ރާއްޖެއަށް ކުޅިވަރު ސާމާނު ހަދިޔާކުރި ދެވަނަ ފަހަރެވެ.
މިދިޔަ ޖޫން މަހުގެ ތެރޭގައި ހަދިޔާކުރި ތަކެތީގެ ތެރޭގައި ފުޓްބޯޅަ، ޓޭބަލް ޓެނިސް ރެކެޓާއި ބޯޅަ އަދި އެތުލެޓިކްސްގައި ބޭނުންކުރާ ބައެއް ސާމާނު ހިމެނެ އެވެ.
ޗައިނާ އަކީ ކުޅިވަރުގެ ދާއިރާއިން ދިވެހިރާއްޖެއަށް ގިނަ އެހީތަކެއްވަމުން އަންނަ ގައުމެކެވެ. އެގޮތުން ކުޅިވަރު ސާމާނު ހަދިޔާ ކުރުމާއި، ދިވެހި އެތުލީޓުންނާއި ޓީމްތަކަށް ތަމްރީން ހެދުމުގެ ގިނަ ފުރުސަތުތަކެއް މީގެ ކުރިން އެ ގައުމުން ފަހިކޮށް ދީފައިވެ އެވެ.