![]()
ޗައިނާއިން ރާއްޖެއަށް 85 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
600 މިލިއަން ޔުއާން (85 މިލިއަން ޑޮލަރު) ގެ އެހީ ދިނުމަށް ޗައިނާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު ވި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަދު ހެނދުނު މިނިސްޓްރީ އޮފް ފޮރިން އެެފެއާޒްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ފޮރިން މިނިސްޓަރު ޑރ. އިބްރާހިމް ޚަލީލް ސޮއިކުރައްވާފައިވާއިރު، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ކޮންގ ޝިއަންހުއާ ސޮއިކުރައްވާފައިވެއެވެ.
ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ދާއިރާއިން ވި އެއްބަސްވުމަކީ ދިވެހިރާއްޖޭގެ ތަރައްގީއަށް ޗައިނާ ސަރުކާރުގެ އެހީގައި ކުރިއަށް ގެންދާ 3 މަޝްރޫއުއަކަށް މުހިންމު އެއްބަސްވުމެއް ކަމުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިޔަށްގެންދަން ނިންމާފައިވާ މަޝްރޫޢުތަކުގެ ތެރޭގައި ވިލިމާލޭގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލުގެ މަޝްރޫއު ހިމެނެއެވެ. މީގެއިތުރުން މާލެ-ވިލިމާލެ މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޫއުއާއި 50 ރަށެއްގެ ކައުންސިލް އިމާރާތްތައް ތަރައްގީކުރުމަށް ވެސް މި އެހީ ހާއްސަވެގެންދެ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓްރީގެ އިސްވެރިންގެ އިތުރުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އާއި ޗައިނާ އެމްބަސީގެ އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
