
ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މުވައްޒަފަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި އެ ކޮމިޝަންގެ ކުރީގެ ނައިބު ރައީސް މުހައްމަދު ފަޒީނަށް ދައުވާކޮށްފިއެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ އިއްޔެ ފަޒީންގެ މައްޗަށް ކްރިމިނަލް ކޯޓުގައި 2 ދައުވާއެއް އުފުލާފައިވާކަމަށެވެ. އެއީ ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާއާއި ގައިގައި އަތްލުމުގެ ކުށުގެ ދައުވާއެވެ.
ބްރޯޑްކޮމްގެ މުވައްޒަފަކަށް ޖިންސީ ގޯނާކުރިކަން ފެންމަތިވެ، ރައްޔިތުންގެ މަޖިލީހުން އޭނާ ވަކިކުރުމުގެ މަސައްކަތް ފަށައިފައި ވަނިކޮށް، މިދިޔަ އަހަރުގެ މާޗު މަހު އޭނާ ވަނީ މަގާމުން އިސްތިއުފާ ދީފައެވެ.
ނަމަވެސް އޭނާގެ އިސްތިއުފާގެ ސިޓީގައި، ހުރިހާ ތުހުމަތުތަކަށް އިންކާރުކޮށްފައި ވެއެވެ. އަދި މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރީ ޒިންމާދާރުކަމާ އެކުގައި ކަމަށް ވެސް ބުނެފައިވެއެވެ.

