
ފަތުރުވެރިކަމުގެ ދާއިރާއާ ގުޅޭ ވިޔަފާރިތަކެއް ހިންގަމުން އައި ހުސައިން ސަނީ އުމަރު ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން މިއަދު އަލުން ހައްޔަރުކޮށްފިއެވެ.
އޭނާ ފުރަތަމަ ހައްޔަރުކުރީ ރާއްޖެއިން ބޭރަށް ފުރަން ވެގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގޮސް ހުއްޓާ އިއްޔެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ، ޖިނާއީ މައްސަލައެއްގެ ތުހުމަތު އޮއްވާ، އަދި ތަހުގީގަށް އެއްބާރުލުން ދޭނެކަމަށް ބުނުމަށްފަހު، ސަނީ އުމަރު ރާއްޖެއިން ފުރައިން ދާން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ދޫކޮށްލުމަށްފަހު، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައާ ގުޅިގެން މިއަދު ކޯޓު އަމުރެއްގެ ދަށުން އަލުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
ސަނީ އުމަރުގެ ފަރާތުން އަނިޔާ ލިބިފައިވާ ކުދިންގެ އާއިލާތަކުން އޭނާއާ ދެކޮޅަށް މައްސަލަ ފުލުސް އޮފީހަށް ހުށަހެޅުމާއެކު އޭނާ ކުރިން ވަނީ އިންޑިއާއަށް ގޮސްފައެވެ. އަނިޔާ ލިބުނު ކުދިންގެ އާއިލާއިން ބުނެފައިވާ ގޮތުގައި މީގެ 10 އަހަރު ކުރިން ފެށިގެން އެކި ގޮތް ގޮތުން އާއިލާގެ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރަން ސަނީ އުމަރު ވަނީ ފަށާފައެވެ. އޭނާގެ ފަރާތުން ޖިންސީ ގޯނާ ލިބުނު ބައެއް ކުދިންނަށް ވަރަށް ބޮޑަށް ނަފުސާނީ ގޮތުން އަސަރުކޮށްފައިވާ ކަމަށް ވެސް އެ ފަރާތްތަކުން ބުނެފައިވެއެވެ.
މި މައްސަލަތައް ފެންމަތިވުމުމާއި ގުޅިގެން ސަނީގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމަށްވާ ޓްރެވަލް ގައިސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކުންފުނީގައި އޮތް ސަނީގެ ހިއްސާތައް އަތުލުމުގެ މަސައްކަތްތައް ފަށާފައިވާ ކަމަށާއި ސަނީގެ މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުންނަށް ފުރިހަމަ އެއްބާރުލުން ކުންފުނިން ދޭނެ ކަމަށެވެ.

