ޖިންސީ ގޯނާ ކޮށްގެން އިނގިރޭސިވިލާތުގައި ހުކުމްކުރިކަމަށް ބުނާ މީހާއަށް ދިވެހި ޕާސްޕޯޓެއް ދޫކޮށްފައިނުވާނެ ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.
އިނގިރޭސިވިލާތުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ސުންދަރަލިންގަމް ކޫޑަލިންގަމް ނަމަކަށް ކިޔާ ދިވެއްސަކު އެ ގައުމުގެ މަޝްހޫރު ލަވަކިޔުންތެރިއަކަށް ޖިންސީ ގޯނާކޮށްގެން އޭނާގެ މައްޗަށް ވަނީ ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.
ނަމަވެސް ހޯމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ ޑިޕާޓްމަންޓް އޮފް ނެޝެނަލް ރެޖިސްޓްރޭޝަން ރެކޯޑްތަކުގައި ސުންދަރަލިންގަމް ކޫޑަލިންގަމް ނަމަކަށް ކިޔާ އެއްވެސް ދިވެއްސަކު ރެކޯޑްކުރެވިފައި ނުވާ ކަމަށެވެ.
އަދި އޭގެ އިތުރުން ރާއްޖޭގެ އިމިގްރޭޝަންގެ ރެކޯޑްތަކުގައި ވެސް ސުންދަރަލިންގަމް ކޫޑަލިންގަމް ނަމަކަށް ކިޔާ މީހަކަށް އެއްވެސް އިރެއްގައި ޕާސްޕޯޓެއް ހަދައިދީ ނުވަތަ ދޫކޮށްފައިވެސް ނެތް ކަމަށް މިނިސްޓްރީން ބުންޏެވެ.
އެހެންކަމުން ސުންދަރަލިންގަމް ކޫޑަލިންގަމްއަކީ ދިވެހި ރައްޔިތެއް ކަމަށް ލިޔެ ދައުރުކުރަމުންދާ ހަބަރަކީ އެއްވެސް އަސްލެއް އެކުލެވިގެންވާ މައުލޫމާތެއް ނޫން ކަމަށް ވެސް ހޯމް މިނިސްޓްރީން ބުންޏެވެ.
ސުންދަރަލިންގަމް ކޫޑަލިންގަމްއަކީ ދިވެއްސެއް ކަމަށް ރިޕޯޓްކުރި ހިސާބުން ފެށިގެން ވެސް ގިނަ ދިވެހީން ދިޔައީ ސޯޝަލް މީޑިއާގައި އެއީ ދިވެއްސެއް ކަމާމެދު ސުވާލު އުފައްދަމުން ނެވެ.
ސުންދަރަލިންގަމް ކޫޑަލިންގަމްއަކީ ދިވެހިންނަށް ކިޔައިއުޅޭ ނަމަކަށް ވެސް ނުވާއިރު އެ ނަމަކީ އިންޑިއާގެ ދެކުނު އޮންނަ ޓެމިލް ނާޑޫގައި ކޮންމެވެސް ވަރަކަށް އާންމު ނަމެކެވެ.