ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުޅުމާލޭގައި 2017 ވަނަ އަހަރު ތަރައްގީކުރަން ފެށި “ދަ ގާޑަންސް” ޕްރޮޖެކްޓުގެ ނުނިމި ހުރި މަސައްކަތް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާ ހަވާލުކޮށްފި އެެވެ.
އެކަން ހާމަކުރީ އެޗްޑީސީން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގަ އެވެ.
އެކި ފަހަރު މަތިން އެ ފަރާތަށް އިތުރުކޮށްދެވުނު މުއްދަތުގައި ޖާހުން ޕްރޮޖެކްޓް ނިންމާފައި ނުވުމުގެ ސަބަބުން، ޖާހުއާ ދެމެދު ސޮއިކުރެވިފައިވާ އެއްބަސްވުން ބާތިލުކުރުމުގެ އެންމެ ފަހު މަރުހަލާގެ ދަށުން ދެވޭ ގާނޫނީ ނޯޓިސް ދިނުމަށް، ނިންމައި، އެ ނޯޓިސް ޖެނުއަރީ 27، 2025 ގައި އެޗްޑީސީން ވަނީ ޖާހު އަށް ފޮނުވާފަ އެވެ.
އަދި އެ ނޯޓިސްގައި ބަޔާންކުރާ މުއްދަތު ކަމަށްވާ 45 ދުވަހުގެ ތެރޭގައި ޖާހުގެ ޕްރޮޖެކްޓްގެ ނުނިމި ހުރި މަސައްކަތްތައް ނުނިންމާ ހާލަތުގައި، މި އެއްބަސްވުން ބާތިލުކޮށް އެ ޕްރޮޖެކްޓް ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ އަތުން ނަގާނެކަން އެފަރާތަށް އެޗްޑީސީން އެންގި އެވެ.
އެ މުއްދަތުގެ ތެރޭގައި، ފޮނުވާފައިވާ ގާނޫނީ ނޯޓިސްގައި ބަޔާންކުރެވުނު މުއްދަތުގައި އަދި، އެއްބަސްވުން ބާތިލްކުރުމަށްފަހު ޕްރޮޖެކްޓުގެ މަސައްކަތް ނިންމުމުގެ ކަންކަން ރޭވިފައިވާ ގޮތުގެ މައުލޫމާތު އެ ޕްރޮޖެކްޓުން އެޕާޓްމަންޓް ގަނެފައިވާ ފަރާތްތަކާއި ހިއްސާކުރާނެ ކަމަށް އެޗްޑީސީން ބުނެފައިވެ އެވެ.
އެޗްޑީސީން ބުނީ އެ ފިޔަވަޅު އަޅާފައިމިވަނީ ޖާހުން އެޕާޓްމަންޓް ގަތުމަށް ފައިސާ ދައްކާފައވާ ފަރާތްތަކަށް، ވީ އެންމެ އަވަސް މުއްދަތެއްގައި، އެޕާޓްމަންޓްތައް ހަވާލުކުރެވޭނެ މަގުފަހިކުރުމުގެ ބޭނުމުގައި ކަމަށެވެ.