ޖަޕާން ސަރުކާރުގެ ޕްރޮޖެކްޓް ފޮ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލާޝިޕް (ޖޭޑީއެސް) އަށް 194 މިލިއަން ޖަޕަނީސް ޔެން (1.3 މިލިއަން އެމެރިކާ ޑޮލަރު) ހިލޭ އެހީގެ ގޮތުގައި ދީފި އެވެ.
ޖަޕާން ސަރުކާރުގެ ޖޭޑީއެސްގެ ދަށުން މި އަހަރަށް ދިނުމަށް ހަމަޖެހިފައިވާ ހަ ސްކޮލާޝިޕް ފުރުސަތާ އެކު، ދިވެހި ސަރުކާރާއި ޖަޕާން ސަރުކާރާ ދެމެދު “އެކްސްޗޭންޖް އޮފް ނޯޓްސް” ގައި މިއަދު ވަނީ ސޮއިކޮށްފަ އެވެ.
މިއަދު ހެނދުނު ފޮރިން އެފެއާޒް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، ޝެރީނާ އަބްދުއްސަމަދެވެ. ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމީކޯ އެވެ.
ފޮރިން މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ މި އެއްބަސްވުމުގެ ދަށުން ހިލޭ އެހީގެ ގޮތުގައި ޖަޕާން ސަރުކާރުން 194 މިލިއަން ޖަޕާނީސް ޔެން ދިނުމަށް ނިންމާފައިވާ ކަމަށެވެ.
ޖަޕާން ސަރުކާރުގެ ފަރާތުން 2020 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ މި އެހީގެ ދަށުން އެ ގައުމުގެ އެންމެ މަތީ ފެންވަރުގެ ޔުނިވާސިޓީތަކުގައި މާސްޓާސް ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ލިބިގެންދާ ކަމަށެވެ. މި ސްކޮލާޝިޕް ޕްރޮގްރާމުގެ މަގުސަދަކީ މުސްތަގުބަލުގައި އިޖުތިމާއީ އަދި އިގުތިސޯދީ ތަރައްގީގެ ސިޔާސަތުތައް އެކުލަވާލުމާއި ތަންފީޒު ކުރުމުގައި ޝާމިލުވާނެ ގާބިލު އަދި ގައުމު އާރާސްތު ކުރުމުގައި މުހިންމު ރޯލެއް އަދާ ކުރާނެ ދިވެހި ޒުވާނުން ބިނާކުރުން ކަމުގައި މިނިސްޓްރީން ފާހަގަކުރި އެވެ.
އެ ރަސްމިއްޔާތުގައި ހަޔާ އެޑިޔުކޭޝަން، ލޭބަ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުއްރަހީމް ހަސަނުގެ އިތުރުން އެ މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީ އާއި ސިވިލް ސާވިސް ކޮމިޝަނާއި ޖަޕާން އެމްބަސީ އަދި ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) ގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އެވެ.