ޖަޕާނުގެ ބޮޑުވަޒީރުގެ ހާއްސަ މަންދޫބުގެ އިކުއިނަ އަކިކޯ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
އެ ބައްދަލުކުރެއްވުން ކުރިއަށް ދިޔައީ، ރައީސް އޮފީހުގައި، މިއަދު މެންދުރުފަހު އެވެ.
އެ ބައްދަލުކުރެއްވުމުގައި ރައީސް މުއިިއްޒުއާއު ޖަޕާނުގެ ސްޕެޝަލް އެންވޯއީ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ޖަޕާނާ ދެ ގައުމުގެ ދެމެދުގައި އޮތް، ބައި ގަރުނަށްވުރެ ގިނަ ދުވަސްވީ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވި އެވެ.
އަދި އެ ބައްދަލުކުރެއްވުމުގައި އިގުތިސާދީ ތަރައްގީއާއި، އުމްރާނީ ތަރައްގީއާއި، ޑިޒާސްޓާ ރެޒިލިއަންސް އެންޑް މެނޭޖްމަންޓާއި، ޓެލެކޮމިއުނިކޭޝަނާއި، ކެޕޭސިޓީ ބިލްޑިން ފަދަ ދާއިރާތަކުން ގުޅުން ބަދަހި ކުރުމުގެ މަޝްވަރާތައްކުރެއްވި އެވެ.
ހާއްސަ މަންދޫބު ރާއްޖެ ވަޑައިގެންނެވީ ދިވެހި ސަރުކާރުގެ ދައުވަތަކަށް މިނިވަން ދުވަހުގެ ހަރަކާތްތައް ބައްލަވާލެއްވުމަށް ޖަޕާނުގެ ވަފުދަކާ އެކު އެވެ.
މަންދޫބު ވިދާޅުވީ އެ ދައުވަތު ލިބިވަޑައިގެންނެވުމަކީ އެކަމަނާއަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.