ޖަޕާން ސަރުކާރުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ކޯސްޓް ކާޑަށް “ހާބަ ކްރާފްޓް ޕެޓްރޯލް ވެސަލް” ގެ ދެ އުޅަނދު ހަދިޔާކުރުމަށް ނިންމައިފި އެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ކޯސްޓް ގާޑުގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް އެ ދެ އުޅަނދު ހަދިޔާކުރަން ނިންމާފައި ވަނީ ޖަޕާން ސަރުކާރުގެ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ދަށުން ކަމަށެެވެ.
މިއަދު ހެނދުނު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އުޅަނދުތައް ހަދިޔާކުރުމާ ގުޅޭ އެކްސްޗޭންޖް އޮފް ނޯޓްސްގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލެވެ. ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މިސިޒް އިޝިގާމީ ރުމީކޯ އެވެ.
ޖަޕާން ސަރުކާރުގެ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ދަށުން ހިލޭ އެހީގެ ގޮތުގައި 400 މިލިއަން ޖަޕަނީސް ޔެން (2.8 މިލިއަން ޑޮލަރު) ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރު ވަނީ ރާއްޖޭގެ ކޯސްޓް ގާޑުގެ އޮޕަރޭޝަނަލް ތައްޔާރީތައް ހަރުދަނާ ކުރުމަށް ޖަޕާން ސަރުކާރުން ވަމުން ގެންދާ ދީލަތި އެހީތެރިކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ. މި މަޝްރޫއުގެ ދަށުން ހަދިޔާ ކުރެވޭ އުޅަނދުތައް އިތުރުވުމާ ގުޅިގެން ކޯސްޓް ގާޑުގެ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް ހިންގުމާއި ކަނޑުގެ ގާނޫނު ތަންފީޒުކުރުމާ އަދި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމުގެ ގާބިލުކަން އިތުރުވެގެންދާނެކަން ފާހަގަކުރެއްވި އެވެ.
Maldives and Japan Sign Exchange of Notes for the Provision of two Harbour Crafts to MNDF Coast Guard
📃 Press Release | https://t.co/nZzoRiqdOH pic.twitter.com/m93KrdLBnZ
— Ministry of Foreign Affairs 🇲🇻 (@MoFAmv) May 7, 2025
އޭގެ އިތުރުން ހަލީލުގެ ވާހަކައިގައި ޖަޕާން ސަރުކާރުން ގެންގުޅޭ “ފްރީ އެންޑް އޯޕަން އިންޑޯ-ޕެސިފިކް” ސިޔާސަތުގެ ދަށުން އިންޑޯ-ޕެސިފިކް ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި ކުރަމުން ގެންދާ މަސައްކަތްތަކަށް ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދެއްވި އެވެ.
ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ޒަމާންވީ ރަޙްމަތްތެރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، މިފަދަ މަޝްރޫއުތަކުން ރާއްޖޭގެ ތަރައްގީގެ ދަތުރުގައި ޖަޕާނުން އަދާކުރަމުންދާ މުހިންމު ދައުރު ފާހަގަކުރެއްވި އެވެ. ޖަޕާން ސަރުކާރުން ދޭ ދީލަތި އެހީތެރި ކަމަށް ފޮރިން މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.
އެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓްރީގެ އިސްވެރިންނާއި ފިނޭންސް އެންޑް ޕްލޭނިން މިނިސްޓްރީ އަދި ޖަޕާނުގެ އެމްބަސީގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.