މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް (އެމްސީއެސް) ގެ މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދިޔަ ގައިދީއަކަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެ އެވެ.
ކަރެކްޝަންސްއިން ބުނީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މަރުވެފައި ވަނީ ނ. މާފަރު، ހިތްފަސޭހަގެ، މޫސާ ހަސަން (45އ) ކަމަށެވެ.
މޫސާއަކީ މިދިޔަ އޭޕްރީލް މަހު އެމަޖެންސީ ހާލަތުގައި މާލެ ގެނެސް އައިޖީއެމްއެޗުގައި އެޑްމިޓްކޮށް، ފަރުވާ ދޭން ފެށި މީހެއް ކަމަށް އެ ސާވިސަސްއިން ބުންޏެވެ. އޭނާ ނިޔާވެފައި ވަނީ ރޭ މެންދަމު އެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ހިތް ހުއްޓިގެން ކަމުގައި ކަރެކްޝަންސްއިން ފާހަގަކުރި އެވެ.
ކަރެކްޝަންސްއިން ބުނި ގޮތުގައި އޭނާއަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދިޔަ މީހެއް ކަމުގަ އެވެ.
މޫސާ މަރުވުމާ ގުޅިގެން އެ ސާވިސަސްއިން ވަގުތުން އެކަން ފުލުހުންނަށާއި އޭނާގެ އާއިލާއަށާއި އިންސްޕެކްޓަ އޮފް ކަރެކްޝަނަލް ސާވިސަސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް އަންގާފައިވާ ކަމަށް ކަރެކްޝަންސްއިން ބުންޏެވެ.