
ޖަލުން ކުރާ ސްކޭމް ކޯލްތައް ރިޕޯޓުކުރަން ހޯމް މިނިސްޓްރީން މިއަދު އިލްތިމާސްކޮށްފި އެވެ.
ހޯމް މިނިސްޓްރީން މިއަދު ހަވީރު ކުރި އިއުލާނެއްގައި ބުނީ ޖަލުގައި ތިބޭ ގައިދީން އެކި ފަރާތްތަކަށް ގުޅާ ގާނޫނާ ގަވައިދާ ހިލާފު އަމަަލުތައް ހިންގަމުންދާކަން ފާހަގަވެފައިވާ ކަމަށެވެ.
އެހެންވެ އެކަން ހައްލުކުރުމުގެ ގޮތުން އެފަދަ ކޯލުތައް ރިޕޯޓު ކުރެވޭނެ އިންތިޒާމް ސަރުކާރުން ހަމަޖައްސައިދީފައިވާކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ވަނީ ޖަލުތަކުން ކުރާ ކޯލެއް ކަމަށް ޝައްކު ކުރެވޭނަމަ އެކަން ރިޕޯޓް ކުރުމަށް އިލްތިމާސްކޮށްފަ އެވެ. އެ މައްސަލަ ރިޕޯޓުކުރުމަށް ހާއްސަ ވެބްލިންކެެއް ވެސް އިއުލާނުގައި ބުނެފައި ވެއެވެ.
ސްކޭމްތައް ޖަލުން ހިންގާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މީގެ ކުރިން ވެސް ވިދާޅުވެފައިވެ އެވެ. އަދި ޖަލުން ކުރާ ކޯލްތައް ހުއްޓުވަން ހާއްސަ ވަސީލަތްތައް ބޭނުންކުރާނެ ކަމަށް ވެސް އިހުސާން ވިދާޅުވެފައިވެ އެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ފުލުހުން މާފުށީ ޖަލުގައި އޮޕަރޭޝަނެއް ހިންގައި އެކި ބްރޭންޑްތަކުގެ 33 މޯބައިލް ފޯނާއި،ފޯނު ޗާޖުކުރާ ކޭބަލް، އަދި ސިމްކާޑު އަތުލައިގެންފައި ވެއެވެ.
ޖަލުން ކުރާ ސްކޭމް ކޯލުތަކުން އޮޅުވާލައިގެން އެތައް ހާސް ރުފިޔާއެއް މީހުންގެ އަތުން ފޭރިގެންފައި ވެއެވެ.

