ރާއްޖޭގެ ވިޔަފާރިތައް ޕްރޮމޯޓުކުރުމަށް 2020 ވަނަ އަހަރު ތައާރަފުކުރި ލޯޔަލްޓީ ޕްރޮގްރާމް، ޕްރިވިލެޖް މޯލްޑިވްސް އަލުން ރީލޯންޗުކޮށްފި އެވެ.
ޕްރޮވިލެޖްޑް މޯލްޑިވްސް ލޯޔަލްޓީ ކާޑު ރީލޯންޗުކޮށްފައި ވަނީ އެކަމަށް ޓަކައި ކ. ތުލުސްދޫގައި ރޭ ބޭއްވި ހާއްސަ ހަފުލާއެއްގައި ތުލުސްދޫ ކައުންސިލުގެ ރައީސް އަސްލަމް މޫސާ އާއި ޕްރިވިލެޖް މޯލްޑިވްސް އަދި ޔޫއައި މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މޫސާ ނާސިހެވެ.
ޕްރިވިލެޖްޑް މޯލްޑިވްސްއަކީ ކޮވިޑުގެ ދަތި ދުވަސްވަރު ވިޔަފާރިތަކަށާއި ދިވެހި ފަންނާނުންނަށް ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް އެހީވުމުގެ މަގުސަދުގައި ފެށި ލޯޔަލްޓީ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ރަޖިސްޓްރީވުމަށް 2020 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ހުޅުވާލުމާ އެކު ހަތަރު ގަޑިއިރުގެ ތެރޭގައި 5،000 އަށް ވުރެ ގިނަ މެމްބަރުން ރެޖިސްޓްރީކުރުމަށް ހުށަހެޅި އެވެ.
ޕްރިވިލެޖްޑް މޯލްޑިވްސްއިން ބުނީ މި ޕްރޮގްރާމް ފެށިގެން ދިޔަ ދުވަސްވަރަކީ ވިޔަފާރިތަކަށް ވަރަށް ދަތި ދުވަސްވަރަކަށް ވުމުން މި ޕްރޮގްރާމް ފެށީ ވިޔަފާރިތައް ޕްރޮމޯޓުކޮށްދީ އެހީތެރިވެދިނުމުގެ މަގުސަދުގައި ކަމަށެވެ.
ޕްރިވިލެޖްޑް މޯލްޑިވްސްގެ މަގުސަދަކީ މި ޕްރޮގްރާމުގައި ބައިވެރިވާ ވިޔަފާރިތަކާއި ހުނަރުވެރިންނާއި އުފެއްދުންތެރިންނާއި އާޓިސްޓުން އެއް ޕްލެޓްފޯމެއްގެ ތެރެއިން ޕްރޮމޯޓުކުރުމެވެ. އަދި ލޯޔަލްޓީ ކާޑު ބޭނުންކޮށްގެން ރާއްޖޭގެ ވިޔަފާރިތަކުން މި ޕްލެޓްފޯމުގެ މެމްބަރުންނަށް ޑިސްކައުންޓް ލިބޭނެ މަގުފަހިކުރުމަކީ ވެސް މި ޕްރޮގްރާމުގެ މަގުސަދެކެވެ. އަދި ހާއްސަ ދުވަސްތަކާ ދިމާކޮށް މި ޕްލެޓްފޯމުގެ ތެރެއިން ތަފާތު ޕްރޮމޯޝަންތައް ވެސް ހިންގުމަށް ވަނީ ހަމަޖެހިފަ އެވެ.
ނާސިހް ވިދާޅުވީ ދުވަސްކޮޅަކަށް ކުޑަ މަޑުޖެހުމަށް ފަހު، އަލުން ޕްރިވިލެޖްޑް މޯލްޑިވްސް ރީލޯންޗުކުރުމުގެ މަގުސަދަކީ މާލޭގެ އިތުރުން ރަށްރަށުގެ ވިޔަފާރިތަކާއި ހުނަރުވެރިންނާއި ފަންނުވެރިން ގުޅާލަދިނުން ކަމަށެވެ. އަދި ކުރިއާ ހިލާފަށް މި ޕްރޮގްރާމް އިތުރަށް ފުޅާކޮށް، މިފަދަ ބައިނަލްއަގުވާމީ ލޯޔަލްޓީ ޕްރޮގްރާމުތަކާ ގުޅުން ބަދަހިކުރުމާއި އެއާޕޯޓު ފަދަ ތަންތަނުގެ ލައުންޖުތަކުން ފުރުސަތު ހޯދައިދިނުމާއި އެ ނޫން ވެސް ތަފާތު ގިނަ ކަންތައްތަކެއް ތައާރަފުކުރާނެ ކަމަށެވެ.
ފަންނާނުންނާއި އިންފްލުއެންސަރުން ބޭނުންކޮށްގެން ދިވެހި ވިޔަފާރިތައް ޕްރޮމޯޓުކުރުމަށް ރަނގަޅު ޕްލެޓްފޯމަކަށް މި ޕްލެޓްފޯމް ވެގެންދާނެ ކަމަށް ވެސް ނާސިހް ވިދާޅުވި އެވެ.
ޕްރިވިލެޖްޑް މޯލްޑިވްސްއިން ބުނީ “ޕްރިވިލެޖްޑް ކާޑު” ގެ ހިދުމަތްތައް ތިން ބަޔަކަށް ލިބޭނެ ކަމަށެވެ. އެއީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ދިވެހިންނާއި ޓޫރިސްޓުންނެވެ. ޕްރިވިލެޖްޑް ކާޑު ފަރުމާކޮށްފައި ވަނީ ރާއްޖޭގެ އިތުރުން ރާއްޖެ އަންނަ ޓޫރިސްޓުންނަށް ވެސް ބޭނުން ކުރެވޭ ގޮތަށް ކަމަށެވެ. އަދި ވިޔަފާރި ކުރަމުންދާ ވަރަކުން ކާޑަށް ޕޮއިންޓް އިތުރު ވަމުންދާނެ ކަމަށާއި މި ޕޮއިންޓުތައް ރެޑީމްކުރެވޭނެކަން ފާހަގަކުރި އެވެ.
ނާސިހް ވިދާޅުވީ ކުރިން ހަމައެކަނި ދޫކުރީ ޑިޖިޓަލް ކާޑެއް ނަމަވެސް މިހާރު ޑިޖިޓަލް ލޮގިންއަކާ އެކު ފިޒިކަލް ކާޑު ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ކާޑުން ޑިސްކައުންޓް ލިބޭނެ ތަންތަނުގެ ތެރެއަށް މާލެ އާއި ރަށްރަށުގެ ރެސްޓޯރެންޓުތަކާއި ގެސްޓްހައުސްތަކާއި ރިޓެއިލް ފިހާރަތައް ވެސް އިތުރުވެގެންދާނެ އެވެ.
ޕްރިވިލެޖްޑް މޯލްޑިވްސްގެ ސޯޝަލް މީޑިއާގެ އެކްސްޕޯޝާ 45،000 އަށް ވުރެ މައްޗެވެ.