މިދިޔަ ހޮނިހިރު ދުވަހުގެރޭ އއ. މާޅޮހު ގެއެއްގައި ނިދާފައި އޮއްވައި އަނިޔާވެރިކޮށް މަރާލި އަބްދުއްރަހްމާން އާދަމް (65އ)ގެ ހަށިގަނޑު ޕޯސްޓު މޯޓަމް ހަދަން ހޯމަ ދުވަހު އިންޑިއާ އަށް ފޮނުވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
މާޅޮހު ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮށް އަބްދުއްރަހުމާނު މަރުވީ އެ ރޭ ފަތިހު އެވެ. އެ ރަށު ބައެއް މީހުން ކިޔަދިން ގޮތުގައި އަބްދުއްރަހުމާނުގެ ބޮލަށް ހަމަލާދިނުމުގެ ސަބަބުން ބޮލުގެ ބޮޑުބައި ވަނީ ޗިސްވެފަ އެވެ.
އޭނާގެ މަރުގެ މައްސަލައިގެ ތަހުގީގަށް ފުލުހުންގެ ޓީމެއް މާޅޮހުގައި ހަރަކާތްތެރިވަމުންދާއިރު، އޭނާގެ ހަށިގަނޑު ވަނީ މާލެ ގެނެސްފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އިތުރު ތަހުލީލުތަކުގެ ބޭނުމަށް ޕޯސްޓު މޯޓަމް ހަދަން އަބްދުއްރަހުމާނުގެ ހަށިގަނޑު އިންޑިއާގެ ޓްރިވަންޑްރަމް އަށް ފޮނުވާލަން ހަމަޖެހިފައިވަނީ އަންނަ ހަފްތާގެ ހޯމަ ދުވަހު ކަމަށެވެ.
އަބްދުއްރަހުމާނުގެ މަރުގެ މައްސަލާގައި އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.