
ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ޑިޖިޓަލައިޒްކޮށް ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން ރައްޔިތުންގެ ބައިވެރިވުން ހަރުދަނާކުރުމުގެ ގޮތުން މަޖިލީހަށް ޕެޓިޝަންތައް ހުށަހަޅަން ހާއްސަ ޕޯޓަލްއެއް އެ އިދާރާއިން ގާއިމުކޮށްފިއެވެ.
އެ ޕޯޓަލް ގާއިމުކުރީ މިއަދު މަޖިލީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
ރައްޔިތުންގެ މަޖިލީހުން ބުނީ އެ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ޕެޓިޝަން ހުށަހެޅުމާއި، ހުށަހަޅާފައިވާ ޕެޓިޝަންތަކުގެ މަސައްކަތް މަޖިލީހުގައި ކުރިއަށްދާ ގޮތުގެ އަދާހަމަ މައުލޫމާތު ލިބުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
އަދި އެ ޕޯޓަލްގައި ސޮއިކުރުމާއި، ސޮއިކުރާ ފަރާތްތަކުގެ ސައްހަން ކަށަވަރުކުރާނީ ‘އީ-ފާސް’މެދުވެރިކޮށް ކަމަށް ވެސް މަޖިލީހުން ބުންޏެވެ.
އެ ޕޯޓަލްގެ ސަބަބުން، ޕެޓިޝަނެއް ހުށަހެޅުމުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ބަރޯސާވުން ކުޑަކުރެވި، ރާއްޖޭ ކޮންމެ ހިސާބެއްގައި ހުންނަ ރައްޔިތަކަށްވެސް ފަސޭހަކަމާއެކު ޕެޓިޝަން ހުށަހެޅޭނެކަން މަޖިލީހުން ފާހަގަކުރިއެވެ.
އެ ޕޯޓަލް އިފްތިތާހު ކުރުމާއެކު، ދެކުނު އޭޝިއާ އަދި ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގެ ތެރެއިން ގާނޫނު ހަދާ މަޖިލީހަކުން އިލެކްޓްރޯނިކް ޕެޓިޝަން ނިޒާމެއް ގާއިމުކޮށްފައިވާ މަދު ގައުމުތަކުގެ ތެރޭގައި ރާއްޖެ ވަނީ ހިމެނިފައެވެ. މި ސަރަޙައްދުން މިފަދަ ނިޒާމެއް މިހާތަނަށް ގާއިމުކޮށްފައިވަނީ ހަމައެކަނި ޕާކިސްތާނާއި ތައިލެންޑުގައި އެކަންޏެވެ.
އެ ޕޯޓަލް ފަރުމާކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ)މޯލްޑިވްސްއާ ގުޅިގެން، އިނގިރޭސިވިލާތާއި އޮސްޓްރޭލިއާ ސަރުކާރުގެ އެހީތެރިކަމާއެކުގައެވެ.

