
މަސްވެރިންނަކީ އެންމެ ބުރަ އެއް ދާއިރާ އެވެ. ނަމަވެސް މި މީހުންނަކީ ކުރިން ދައުލަތުން އަޅާލާ ބައެއް ނޫނެވެ. ފެންނަނީ ހަމައެކަނި އިންތިހާބަށެވެ، މަގުގެ އަގަށް ބަދަލެއް ގެނައުން ނޫން ކަމެއް އެއްވެސް ސަރުކާރަކުން ނުކުރެއެވެ. ކުރީގެ ސަރުކާރުތަކުން ފެނިފައި ހުރީ އެ ފަދަ މަންޒަރެކެވެ. ޚާއްޞަކޮށް ވޭތުވެދިޔަ ސަރުކާރުގައެވެ. ސަރުކާރު ކުންފުނިތަކަށް މުވައްޒަފުން ވައްދައި ދޯނިތައް ފައްތިޔާތަކުގައި ބަންނަން މަޖުބޫރު ކުރުވި އެވެ. މަސްވެރިންނަށް ބޮޑު އަގު ދިނުމުގެ ނަމުގައި މަހުގެ އަގު 20ރ. އަށް ޖައްސައި ޕްރައިވެޓް ސެކްޓަރު ފުނޑުކޮށްލި އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމާ ހަވާލުވިއިރު މަސްވެރިންނަށް ނުދީ 250 މިލިއަން ރުފިޔާ އޮތުމަކީ ކުރިމަތިވި ގޮންޖެހުމަކަށެވެ. މި ދަތި ވަގުތު ވެރިކަމާ ހަވާލުވެ ރައީސް ޑރ. މުއިއްޒު ވަނީ މިދިޔަ ދެ އަހަރު މަސްވެރިކަން ކޮޅަށް ޖަހާފަ އެވެ.
މަސްވެރިންނަކީ ކުރިން ބޭންކިން ނިޒާމު ގަބޫލު ކުރާ ބަައެއް ނޫނެވެ. ނަމަވެސް ރައީސް މުއިއްޒު ވެރިކަމަށްވަޑައިގެން ގައުމީ ބޭންކްއާއެކު ހެދި އެރޭންޖުމަންޓުގެ ދަށުން މަސްވެރިންނަށް 48 ގަޑިއިރުތެރޭ ފައިސާ ދޫކުރަން ފެށި އެވެ. އަދި މަސްވެރިކަމުގެ ގާނޫނުގެ ދަށުން މަސްވެރިން ބޭންކިން ނިޒާމަށް ވައްދަން މަަސައްކަތް ކުރި އެވެ. އަދި ސަރުކާރުގެ މަސް ކުންފުނި މިފްކޯގައި ފުރަތަމަ ފަހަރަށް މަސްވެރިއެއް އައްޔަންކޮށް މަސްވެރިންގެ ބަސް މިފްކޯގެ ބޯޑަށް ގެންދިޔަ އެވެ. މި ބަދަލު ވެގެން ދިޔައީ މަސްވެރިންނާއި ސަރުކާރުގެ މަސް ކުންފުނީގެ ގުޅުން ވަރުގަދަވީ ކަމަކަށެވެ.
ފިޝަރީޒް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން 2023 އިން މިހާތަނަށް މަސްވެރިންނަށް 1.6 ބިލިއަން ރުފިޔާގެ ވަނީ ދޫކޮށްފަ އެވެ. މި ބަދަލު ވެގެން ގޮސްފައިވަނީ މަސް އެކްސްޕޯޓް ކުރި މިންވަރު އިތުރުވެގެން ދިއުމަށެވެ. މިދިޔަ ހަ މަސް ދުވަހު ކުރީ ހަ މަސް ދުވަހާ އަޅާބަލާއިރު މަހުގެ އެކްސްޕޯޓް ވަނީ 95 ޕަސެންޓުގެ އިތުރުވުމެއް އައިސްފަ އެވެ. މި ބަދަލާއެކު މަހަށް ފުރާ މަސްވެރިންގެ އަދަދު ވަނީ އިތުރުވެފަ އެވެ.
މަސްވެރިން ބޭންކިން ނިޒާމަށް ގެންނަން ކުރި މަސައްކަތާއެކު މިހާރު މަސްވެރިން ވެފައިވަނީ ބީއެމްއެލްއިން ފައިނޭންސް ނަގާ ބަޔަކަށެވެ. މި ނަތީޖާއާ ހަމައަށް އައިސްފައިވަނީ މަސްވެރިންގެ ގައުމީ ދަފުރަތެއް ގާއިމް ކުރުމުންނެވެ. ނަތީޖާއަކީ މަސްވެރިކަމުގެ ގައުމީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް 49 މަސްވެރިއަކަށް ބީއެމްއެލްއިން ލޯނު ދޫކޮށްފައިވުމެވެ. މި ލޯނުތަކަކީ ފިޝަރީސް މިނިސްޓްރީ އާއި ބީއެމްއެލް އާއި ދެމެދު ހާއްސަ އެއްބަސްވުމެއްގެ ދަށުން ދޫކުރާ ލޯނުތަކެކެވެ. މި ލޯނަށް އެދި ހުށަހެޅުމަށް އިކުއިޓީ އަދި ސެކިއުރިޓީ ބޭނުމެއް ނުވެ އެވެ.

