
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބު، ޕީއެންސީގެ ޓިކެޓުގައި ވާދަކުރާ ކެނޑިޑޭޓުން ކާމިޔާބު ކުރާނީ 80 ޕަސެންޓަށްވުރެ ބޮޑުކޮށް ކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
އޭނާ އެހެން ވިދާޅުވީ އަންނަ އޭޕްރީލް 4 ވަނަ ދުވަހު ބާއްވާ އިންތިހާބުގައި ހދ. ކުޅުދުއްފުިން ވާދަކުރާ އެޕާޓީގެ ކެންޑިޑޭޓުންގެ ކެމްޕެއިން ލޯންޗުކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ފަލާހު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ޒައާމަތު ވެގެންދާނީ ރާއްޖޭގެ ތާރީހުގައިވެސް ނުދެކޭވަރުގެ ‘ތަރައްގީގެ ޒައާމަތަކަށް’ ކަމަށެވެ. އެހެންކަމުން ދަރިންނާއި ރަށާއި ސިޓީއާއި ގައުމަށްޓަކައި ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަކީ މުހިންމު ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
“ހިންގަވާ ތިޔަބޭފުޅުން ޕީއެންސީގެ މި ޓީމު ކައުންސިލަށް ނަގަން، ނަގާފައި ޓެސްޓްކޮށްލަން. އަޅުގަނޑު 100 ޕަސެންޓު ޔަގީންކަން ދެން اللهގެ ރަހުމަތްފުޅާއެކު ތިޔަބޭފުޅުންނަށް މި ޓީމު ވެގެންދާނީ މިއަދުގެ ސަރުކާރާ ގުޅިގެން މި ސިޓީގައި ކުރަން މި ހުރި ހުރިހާ މަސައްކަތެއް ނިންމައިދޭނެ ކައުންސިލަކަށް،” ފަލާހު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އިދިކޮޅު އެމްޑީޕީއަށް މި އިންތިހާބުގެ ހުރިހާ ގޮނޑިއަކަށް ކުރިމަތިލާންވެސް ނުކެރުނު ކަމަށެވެ. އެހެންވުމުގެ ސަބަބުން އެ ޕާޓީއަށް މިހާރުވެސް ‘ފްރީ’ކޮށް ބައެއް ގޮނޑިތައް ލިބިފައިވާ ކަމަށް ވިދާޅުވިއެވެ.
“الله އިރާދަކުރެއްވިއްޔާ މި އިންތިހާބު ތަނަވަސް އަޣުލަބިއްޔަތަކުން ޕީއެންސީން ކާމިޔާބު ކުރާނީ 80 ޕަސެންޓަށްވުރެ މަތިން،” ފަލާހު ވިދާޅުވިއެވެ.
އެކި ރަށްރަށުގައި ކެމްޕޭނު ލޯންޗު ކުރުމަށް ޕީއެންސީގެ އިސްވެރިން ދަނީ ރަށްރަށަށް ދަތުރުކުރަމުންނެވެ. ރޭގެ ޖަލްސާގައި ކެބިނެޓްގެ ބައެއް ވަޒީރުން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

