ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ޖަލްސާގައި ސަންގު ޓީވީގެ ފާތިމަތު މަދަދާއަށް ފުރައްސާރަވާ ގޮތަށް ވާހަކަ ދެއްކެމުން ނޫސްވެރިންނާއި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ކުށްވެރިކޮށްފި އެވެ.
ޕީއެންއެފްގެ ޖަލްސާގައި ފުރަތަމަ އެ ޕާޓީގެ އެކްޓިވިސްޓު ވަހީދު ރައީސް މުހައްމަދު މުއިއްޒަށް ފާޑުކިޔަމުން ބުނަނީ މަދަދާ ފިޔަވައި އިތުރު ނޫސްވެރިންނަށް އުޅުއްވީ ފިއްލަވައިގެން ކަމަށެވެ. އޭގެ ފަހުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވަނީ ނޫސްވެރިޔާއާ ވަރަށް ހުތުރުކޮށް ދިމާކޮށް ވާހަކަ ދައްކަވައިފަ އެވެ.
އެ ކަމާ ދެކޮޅަށް ގިނަ ނޫސްވެރިން ވަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކޮށްފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި އެހެން ސިޔާސީ އެކްޓިވިސްޓުން ވެސް ވަނީ ކުށްވެރިކޮށް ޝުއޫރު ފާޅުކޮށްފަ އެވެ.
މީޑިއާ ކައުންސިލުން ނެރުނު ބަޔާނުގައި ބުނީ ވަކިވަކި ނޫސްވެރިންނާ މީޑިއާތަކަށް އަމާޒުކޮށް ސިޔާސީ ޕްލެޓްފޯމުތަކުގައި ދިމާކޮށް ފުރައްސާރަކުރުމުގެ މައްސަލަތައް އެ ކައުންސިލްގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ.
މިއީ ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖޭގެ ދަރަޖަ ދަށްވާނެ ކަމެއް ކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން ނެރުނު ބަޔާނުގައި ވެސް ފާހަގަކޮށްފައިވަނީ ވަކިވަކި ނޫސްވެރިންނަށް އަމާޒުކޮށް ބައެއް ފަރާތްތަކުން އެކިއެކި ފޯރަމްތަކުގައި ފުރައްސާރަކުރާކަން ކޮމިޝަނުގެ ސަމާލު ކަމަށް އައިސްފައިވެ އެވެ.
ޕީއެންއެފްގެ ޖަލްސާ ރޭ ޗެނަލް 13 އިން ލައިވްކޮށްފައިވާއިރު، މިފަދަ ކޮންޓެންޓް ގެނެސްދިނުމުގައި މީޑިއާތަކާއި ޓީވީ ސްޓޭޝަންތަކުން ވެސް ސަމާލުކަން ދިނުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ގޮވާލާފައިވެ އެވެ.