ހުޅުމާލޭގައި ޕާކުކޮށްފައި ހުރި ގިނަ އަދަދެއްގެ ވެހިކަލްތަކަކުން ވައްކަންކުރި މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ލ. އިސްދޫ / އޯކިޑްމާގެ، އަބްދުއްރަހުމާން ހުސެއިން (33އ) އެވެ.
ފުލުހުން ބުނީ މިއަދު ފަތިހުގެ ވަގުތެއްގައި ހުޅުމާލެ ޕޮލްކޯ ފްލެޓްތައް ކައިރި ޕާކިންގ ޒޯން ކައިރީގައި އަބްދުއް ރަހުމާން ހުއްޓައި އެވަގުތު ޕެޓްރޯލްކުރަމުންދިޔަ ފުލުހުން ފެނުމާއެކު އެއްޗެއް ފޮރުވަން އޭނާ މަސައްކަތް ކުރި ކަމަށެވެ.
ްައަދި ހުސެއިން ސައިކަލަށް އަރައިގެން ދާން މަސައްކަތްކުރާކަން ފާހަގަކުރެވިގެން އޭނާ ހުއްޓުވި ކަމަށާއި އަދި ހަމަ އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި ގިނަ ވެހިކަލްތަކެއް ހުޅުވާފައިވާކަން ފާހަގަކުރެވުމާ ގުޅިގެން ހުސެއިން ބަލާ ފާސްކުރި އިރު ވަގަށް ނަގާފައިވާ ބައެއް ތަކެތި ފެނުނުކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި ހުސެއިން ވަނީ އެސަރަހައްދުގައި ޕާކްކޮށްފައިވާ ނުވަ ކާރަކާއި ޕިކަޕެއް ހުޅުވައި، އެ ވެހިކަލްތަކުން ބައެއް ތަކެތި ވަގަށް ނަގާފަ އެވެ.
ފުލުހުން އިތުރަށް ބުނި ގޮތުގައި
- ހުސެއިން ހުއްޓުވި ވަގުތު އޭނާގެ އަތުގައި އޮތް މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ސެލޯފިންކޮޅެއް އެއްލާލުމާ ގުޅިގެން އޭނާގެ ހާޒިރުގައި އެ ނަގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި.
- ހުސެއިންގެ ހަށިގަނޑާއި އޭނާ އަރައިގެންދާން މަސައްކަތްކުރި ސައިކަލް ބަލައިފާސްކުރިއިރު، ވަގަށް ނަގާފައިވާކަމަށް ބެލެވޭ ކާރު އަދި ސައިކަލް ތަޅުދަނޑިތަކާއި ފައިސާ އާއި ފޯންތަކަކާއި ޗާޖިންގ ކޭބަލް ފަދަ ތަކެތި ފެނުނު
ފުލުހުން ބުނީ އެ މައްސަލަ ހުޅުމާލެ ޕޮލިހުން މިހާރު ތަހުގީގުކުރަމުންދާ ކަމަށެވެ.