ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕަބްލިކް ވޯކްސްގެ ޔުނިޓްތައް ގާއިމު ކުރުމަަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ނިންމެވުމުގެ ދަށުން ޕަބްލިކް ވޯކްސް ޔުނިޓްތައް އަޅާ 14 ރަށް އިއުލާންކޮށްފި އެވެ.
ލޯކަލް ގަވާމަންޓް މިނިސްޓްރީން ބުނީ މިއީ މިހާރު ޕަބްލިކް ވޯކްސްގެ ހިދުމަތް ނުފަށާ ރަށްތަކުގެ ތެރޭގައި ހިމެނޭ 14 ރަށް ކަމަށެވެ.
ލޯކަލް ގަވާމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު އެކްސްގައި ވިދާޅުވީ ޕަބްލިކް ވޯކްސްގެ ޔުނިޓުތައް ގާއިމުކުރުމަށް ނިންމާފައިވަނީ ހއ. ދިއްދޫ، ށ. ފުނަދޫ، ނ. މަނަދޫ، ރ. މާކުރަތު، ބ. އޭދަފުށި، ޅ. ނައިފަރު، ކ. ތުލުސްދޫ، އއ. ރަސްދޫ، އދ. މަހިބަދޫ، ވ. ފެލިދޫ، މ. މުލި، ފ. ނިލަންދޫ، ދ. ކުޑަހުވަދޫ، ތ. ވޭމަންޑޫ، ގއ. ވިލިނގިލި ގައި ކަމަށެވެ.
އެ ރަަށްތައް ކަނޑައެޅުމުގައި މިންގަނޑެއްކަމަށް ބަލާފައިވާނީ އަތޮޅު ކައުންސިލް ހިންގާ ރަށް ކަމުގައިވެސް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން މި ޔުނިޓްތައް ގާއިމު ކުރުމާބެހޭ އިދާރީ މަސައްކަތް މިނިސްޓްރީއިން ކުރަމުން އަންނަކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފަ އެވެ.