ޔުނައިޓަޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އިން ރާއްޖެ އަށް ކަނޑައެޅުއްވި އާ ސަފީރު އަދްނާން ޗީމާ ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި އެވެ.
އަދުނާން ސަފިީރުކަމުގެ ފަތްކޮޅު އެރުވި ފޮރިން މިނިސްޓްރީގައި ބޭއްވި ބައްދަލުވުމެއްގަ އެވެ. އޭނާ ސަފީރުކަމުގެ ފަތްކޮޅު އެރުވީ ފޮރިން މިނިސްޓަރު ޑރ އަބްދުﷲ ހަލީލުގެ އަތްޕުޅަށެވެ.
އެ ބައްދަލުވުމުގައި މިނިސްޓަރު ހަލީލް ވަނީ ޔޫއެންޑީޕީއިން ރާއްޖޭގެ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ފޯރުކޮށްދެމުންދާ އެއްބާރުލުމާއި ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖެ އިން އިސްކަންދޭ ކަންތައްތައް ކުރިއެރުވުމަށް ފޯރުކޮށްދެމުންދާ އެހީތެރިކަން ފާހަގަކޮށް، އެ ކަމަށް ޝުކުރު އަދާކުރައްވާފަ އެވެ.
އަދި، އެ މަނިކުފާނު ވަނީ ޔޫއެންޑީޕީން ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް ޗީމާ ގެ ތަޖުރިބާއަށް ރިއާޔަތްކޮށް، އެމަނިކުފާނުގެ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވްކަމުގެ ދައުރުގައި، ރާއްޖެއާއި ޔޫއެންޑީޕީއާ ދެމެދު އޮތް ގުޅުން އިތުރުށް ވަރުގަދަވެގެންދާނެކަމަށް ގަބޫލުކުރައްވާކަމަށް ވިދާޅުވެފަ އެވެ.