ޗުއްޓީއަށް ޔޫރަޕަށް ދިޔުމަށް ވުރެ އުމްރާއަށް ދިޔުން މާ އުފާވެރި ކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ އަދި ދ. މީދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.
ޔޫޓިއުބް ޗެނަލް، “ދެނޯ” އަށް ދެއްވި އިންޓަވިއުއެއްގައި ސިޔާމް ވިދާޅުވީ ކުޑައިރުއްސުރެން ފެށިގެން ދީނީ ކަންކަމަށް އަދި ވަކިން ހާއްސަކޮށް ނަމާދުގެ ތެރެއަށް އޮތީ ވަދެވިފައި ކަމަށާއި އެކަމަށް މައިންބަފައިން ވަރަށް ބޮޑަށް ބާރުއެޅުއްވި ކަމަށެވެ. އަދި އުމްރާ އަކީ އެންމެން ވެސް އަދާކުރަންޖެހޭ އަޅުކަމެއް ކަމަށާއި އެގޮތުން އެމީހަކަށް ދެވުނު ވަރަކަށް އުމްރާއަށް ދާންވީ ކަމަށް ސިޔާމް ވިދާޅުވި އެވެ.
“މީހާ ސެލްފް ކްލީންކޮށްލުމާއި ޓޮކްސިކްތައް ބޭރުކޮށްލުމަށް ވެސް އެންމެ ރަނގަޅު ތަނެއްގެ ގޮތުގައި އަޅުގަނޑަށް ފެންނަނީ އުމްރާއަކަށް ދިޔުން. ޗުއްޓީއަކަށް ލަންޑަނަށް ނޫނީ ޔޫރަޕަށް ދިޔުމަށް ވުރެ އަޅުގަނޑަށް މާ އުފާވެރިކަން ލިބޭ އެކަމުން. އެހެންވެ އުމްރާއަށް އާންމުކޮށް ދަނީ،” ސިޔާމް ވިދާޅުވި އެވެ.
ސިޔާމް އަކީ ރާއްޖޭގެ އެންމެ މުއްސަނދިންގެ ލިސްޓުގައި ހިމެނޭ ބޭފުޅެކެވެ. މިވަގުތު ހަ ރިސޯޓެއް ސިޔާމްގެ ކުންފުނިން ހިންގަ އެވެ. އެއީ ސިޔާމް ވޯލްޑާއި އިރުފުށި ރިސޯޓާއި އިރުވެލި ރިސޯޓާއި ވިލު ރީފް ރިސޯޓާއި އޮޅުވެލި ރިސޯޓު އަދި ޕަސިކުޑާ ރިސޯޓެވެ. މީގެތެރެއިން ޕަސިކުޑާ އަކީ ސްރީލަންކާގައި ހިންގަމުން އަންނަ ރިސޯޓެކެވެ.
އޭގެ އިތުރުން ސިޔާމްގެ ތިން ގެ ހުރެ އެވެ. އެއީ މާލޭގައި ހުންނަ ހ. ސަން އާއި ގ. ސަންސެޓް އެވެ. އަދި މެލޭޝިޔާގެ ކުއާލާލަމްޕޫރުގައި ވެސް ސިޔާމްގެ ގެއެއް ހުރެ އެވެ.