މާލޭގެ ހެންވޭރުގައި ހުރި އިމާރާތަކުން ޖެހިގެން ހުރި ގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓިފައި އޮއްވާ ފެނުނު މައްސަލައިގެ ތަހުގީގަށް ހައްޔަރުކުރި ރައުދު އަހްމަދު ޒިލާލް (21އ) ބަންދުން ދޫކޮށްލައިފި އެވެ.
ހ. މިޓާޒު ގޭގެ ފުރާޅު މަތީގައި ޔުމްނު އޮއްވާ ފެނިފައި ވަނީ އެޕްރީލް މަހުގެ 18 ވީ ހުކުރު ދުވަހުގެ ހެނދުނު އެވެ. ފުރާޅު މައްޗަށް ޔުމްނު ވެއްޓިފައި ވަނީ ޖެހިގެން ހުރި ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އޭނާ ވެއްޓުމުގެ ކުރިން، ފެންޓެނޯއީގޭގެ ސިޑިމަތީގައި ރައުދު އާއެކު އުޅުނު ވީޑިއޯއެއް ފުލުހުން ވަނީ އާންމުކޮށްފަ އެވެ.
މައްސަލަ އާ ގުޅިގެން ރައުދު ހައްޔަރުކުރީ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން މިދިޔަ އެޕްރީލް މަހުގެ 24 ވަނަ ދުވަހު އެވެ.
ފުލުހުން ފުރަތަމަ ބުނެފައިވާ ގޮތުގައި ޔުމްނު ވެއްޓުމުގައި ރައުދު ނުވަތަ އެހެން މީހެއްގެ ބައިވެރިވުން ނެތް ކަމުގަ އެވެ. އެހެންނަމަވެސް ރައުދު ހައްޔަރުކޮށްފައި ވަނީ މައްސަލައިގެ ތަހުގީގަށް އޭނާ އެއްބާރުލުން ދެމުން ނުދާކަން ފާހަަގަކޮށެވެ.
އޭނާގެ ބަންދަށް ފުރަތަމަ ދިން ފަސް ދުވަހުގެ މުއްދަތު ހަމަވީ އެޕްރީލް 30 ވަަނަ ދުވަހު އެވެ. އެ ދުވަހު ބަންދަށް އިތުރުކުރި 10 ދުވަސް ހަމަވުމާ އެކު، އިތުރު ފަސް ދުވަހަށް ބަންދު ކުރަން މި މަހުގެ 10 ވަނަ ދުވަހު ވަނީ އަމުރުކޮށްފަ އެވެ.
ރައުދުގެ ބަންދުގެ މުއްދަތު އިތުރު ކުރަން މިދިޔަ ބުރާސްފަތި ދުވަހު ކޯޓަށް ހާޒިރުކުރުމުން އިތުރު 20 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.
ރައުދު ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ހަތަރު އަމުރެއް ނެރުނުއިރު، އޭގެ ތެރެއިން ފުރަތަމަ ދެ އަމުރު ކޯޓުގެ ވެބްސައިޓުގައި އާންމުކުރި ނަމަވެސް ފަހު ދެ އަމުރު ސައިޓަށް ލާފައެއް ނުވެ އެވެ.
އެކަމާ ގުޅޭގޮތުން އެ ކޯޓުން ބުނެފައި ވަނީ ތިން ވަނަ މަޖިލިހުން ފެށިގެން ސިއްރުން އެ އަޑުއެހުންތައް ގެންދަން ނިންމާފައިވާ ކަމަށެވެ. އެ ގޮތަށް ނިންމީ ގާނޫނު އަސާސީގެ 42 ވަނަ މާއްދާގައި ބަޔާންކުރާ ޝަރީއަތް ސިއްރުކުރަން އޮންނަ ހާލަތްތަކަށް ރިއާޔަތްކޮށްގެން ކަމަށް ކޯޓުން ބުނެފައިވެ އެވެ.
އޭނާ ބަންދުކުރަން ނެރުނު އަމުރެއް ރައުދުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރި އެވެ. އެއީ މި މަހުގެ 10 ވަނަ ދުވަހު ނެރުނު ފަސް ދުވަހުގެ ބަންދު އަމުރެވެ. އެ މައްސަލަ މިދިޔަ އާދިއްތަ ދުވަހު ކޯޓުގައި ރަޖިސްޓްރީކޮށްދީފައިވާ ކަމަށް އޭނާގެ ވަކީލު “ދެން” އަށް ވިދާޅުވެފައިވެ އެވެ. ވިހި ދުވަހަށް ރައުދު ބަންދުކުރަން ނެރުނު އަމުރު ވެސް އިސްތިއުނާފުކުރަން މަސައްކަތް ކުރަމުންދާކަން ފާހަގަކުރެއްވި އެވެ.
ރައުދު ދޫކޮށްލިކަން އެނގިފައި ވަނީ އޭނާގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކުރި މައްސަލައިގެ އަޑުއެހުމެއް މިއަދު މެންދުރުފަހު 1:15 އަށް ތާވަލުކޮށްފައި ވަނިކޮށް، ހުށަހަޅާފައިވާ މައްސަލަ އެ ފަރާތުން އަނބުރާ ގެންދިއުމުންނެވެ. ހައިކޯޓުން އާންމުކުރި ދައުވާ ފޯމު ބާތިލުކުރި ރިޕޯޓުގައިވާ ގޮތުން އިސްތިއުނާފު ބާތިލުކޮށްދޭން މިއަދު އެ ފަރާތުން ސިޓީ ހުށަހަޅާފައި ވަނީ ފުލުހުންގެ ބަންދުގައި ހުރި ރައުދު ހެނދުނުގެ ވަގުތެއްގައި ދޫކޮށްލާފައިވާތީ އެވެ.
އޭނާގެ ބަންދަށް އެންމެފަހުން އިތުރުކުރި 20 ދުވަސް ހަމަނުވަނީސް މިއަދު ހެނދުނު ރައުދު ދޫކޮށްލި ނަމަވެސް، ފުލުހުން އެކަން އަދި ހާމަކޮށްފައެެއް ނުވެ އެވެ.
ރައުދުގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރި ފުރަތަމަ ކޯޓު އަމުރުގައިވާ ގޮތުން ފެންޓެނޯއީގޭގައި އުޅުމުގެ ތެރޭގައި ޔުމްނު އާއި ރައުދު އާ ދެެމެދު “ހަމަނުޖެހުމެއް” ހިނގި އެވެ. އެކަމަކު އެއީ ކޮންކަމަކާ ގުޅިގެން ކަމެއް ކޯޓު އަމުރުން އެނގޭކަށް ނެތެވެ.
ޔުމްނު ވެއްޓުނު ރޭ މއ. މާންދޫގޭދެކުނުގެއަށް ދިޔަ އެވެ. އެ ގެއަށް ދިޔަ މީހުންނާއި އޭނާ އާއެކު އުޅުނު މީހުން ދެނެގަނެ، އެ މީހުންގެ ޕާސްޕޯޓު ވަނީ ހިފަހައްޓާފަ އެވެ.