މާލޭގެ ހެންވޭރުގައި ހުރި އިމާރާތަކުން ޖެހިގެން ހުރި ގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވައްޓާލީ ކަމަށް ނުވަތަ އަމިއްލަ އިހުތިޔާރުގައި ފުންމާލީކަން ކަމަށް ކަނޑައެޅެން ނެތް ކަމަށް އެ މައްސަލަ ތަހުގީގު ކުރުމަށް އުފެއްދި ހާއްސަ ކޮމިޝަނުން ބުނެފި އެވެ.
ހ. މިޓާޒް ގޭގެ ފުރާޅުމަތީގައި ޔުމްނު އޮއްވާ ފެނިފައި ވަނީ އެޕްރީލު މަހުގެ 18 ވީ ހުކުރު ދުވަހުގެ ހެނދުނު އެވެ. އެ ހާދިސާ ތަހުގީގު ކުރުމަށް ރިޔާސީ ކޮމިޝަނެއް ރައީސް ޑރ. މުހަައްމަދު މުއިއްޒު އުފައްދަވާފައި ވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ. އެ ކޮމިޝަން އުފެއްދެވީ މައްސަލައިގައި ފުލުހުން ކުރިއަށް ގެންދިޔަ ތަހުގީގާ މެދު ސުވާލު އުފެދި އިތުބާރު ގެއްލުމާ ގުޅިގެންނެވެ.
ކޮމިޝަނާ ހަވާލުކުރެވުނު މަސައްކަތް ނިންމައި ކޮމިޝަނުގެ ރިޕޯޓު ރައީސަށް ހުށަހަޅާފައިވާ ކަމަށް އެ ކޮމިޝަނުން ވަނީ މިއަދު ހާމަކޮށްފަ އެވެ. އެކަން ހާމަކުރުމާ އެކު “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ އެ ރިޕޯޓު އާންމުކުރުމަށް އަންގަވާފަ އެވެ.
އެ އެންގެވުމާ އެއްގޮތަށް ރައީސް އޮފީހުން މީގެ އިރުކޮޅެއް ކުރިން އާންމުކުރި ރިޕޯޓުގައި ވަނީ ހ. ފެންޓެނޯއީއިން ޔުމްނު ވައްޓާލި ނުވަތަ ފުންމާލި ނުވަތަ ވެއްޓުނު ކަމަށް ބެލެވޭ 9 ވަނަ ފަންގިފިލާގެ ސިޑިގޮޅީގެ ކުޑަދޮރުން ރައުދު އަހްމަދު ޒިލާލު ގަސްދުގައި ޔުމްނު ވައްޓާލީތޯ ދެނެގަތުމަށް އެ ކޮމިޝަނުން ކުރި މަސައްކަތް ހާމަކޮށްފަ އެވެ.
އެގޮތުން ހާދިސާ ހިނގި ގޮތް ދެނެގަތުމަށް އެ ކޮމިޝަނުން ބެލިބެލުމުން، އެތަނުގައި އިތުރު އެވަގުތު އެ ދެ މީހުން ހަރަކާތްތެރިވާ މަންޒަރު ފެންނަން ނެތް ކަމަށެވެ. އަދި އެތަނުގައި އެ ދެ މީހުން ފިޔަވައި އިތުރު މީހަކު ފެންނަން ނެތުމާއި ޔުމްނު އާއެކު އުޅުނު ރައުދު، އެ ރޭ ކަން ހިނގައިދިޔަ ގޮތް އޭނާގެ ހަނދާނުގައި ނެތް ކަމަށް ބުނެފައިވާ ކަމަށެވެ. އަދި ކަން ހިނގައިދިޔަ ގޮތާ ގުޅިގެން ޔުމްނުގެ ބަހެއް ކޮމިޝަނަށް ލިބިފައި ނުވާ ކަމަށެވެ.
އެހެންކަމުން ފެންޓެނޯއީގެ 9 ވަނަ ފަންގިފިލާގެ ސިޑިގޮޅީގައިވާ ކުޑަދޮރުން ރައުދު ގަސްތުގައި ޔުމްނު ވައްޓާލީކަން ނުވަތަ ނޫންކަން ކޮމިޝަނަށް ކަނޑައެޅެން ނެތް ކަމަށް ރިޕޯޓުގައިވެ އެވެ.
ނަމަވެސް ކޮމިޝަނަށް ފާހަގަކުރެވުނު ކަންކަމަށް ފާހަގަކުރެވުނު ކަންކަމަށް ބަލާއިރު، ޔުމްނު ވައްޓާލުމުގެ ފުރުސަތު ހަނިކަމަށް ފެންނަ ކަމަށް ކޮމިޝަނުން ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން ފާހަގަކޮށްފައިވާ ކަންކަމަކީ:
- ހާދިސާ ހިނގި ރޭ ޔުމްނު އާއި ރައުދު އާ ބައްދަލުވި ހިސާބުން ފެށިގެން ހާދިސާ ހިނގި ވަގުތާ ދެމެދު އެ ދެ މީހުންގެ މެދުގައި އެއްވެސް ހަމަނުޖެހުމެއް ހިނގިކަން ނުވަތަ ރުޅިވެރިކަމެއް އުފެދުނުކަން އެނގެން ނެތްކަން. އެންމެފަހުން ޔުމްނު ފެންޓެނޯއީ 9 ވަނަ ފަންގިފިލާގެ ސިޑިން މައްޗަށް އަރަނީ ވެސް އަމިއްލަ އިހުތިޔާރުގައި އެއްވެސް މަޖުބޫރު ކަމެއް ނެތިކަން، ސީސީޓީވީ ފުޓޭޖުތަކުންނާއި ހެކިންގެ ހެކިބަހުން އެނގެން އޮތުން.
- ފެންޓެނޯއީއަށް ޔުމްނު ދިޔައީ އަމިއްލަ އިހުތިޔާރުގައި ކަމާއި އެ ގެއަށް ފުރަތަމަ ވަދެފައި ވަނީ ވެސް އޭނާކަމުން ޔުމްނުއަށް އަނިޔާއެއް ދިނުމުގެ މަގުސަދުގައި ރައުދު ޔުމްނު އެ ގެއަށް ގެންދިޔައީކަން ސީސީޓީވީ ފުޓޭޖުތަކުންނާއި ހެކިންގެ ހެކިބަހުން އެނގެން ނެތުން.
- ޔުމްނު ވެއްޓުމަށް ފަހު ނުވަތަ ފުންމާލުމަށް ފަހު ރައުދުގެ ހަރަކާތްތައް ހުރި ގޮތަށް ބަލާއިރު، ޔުމްނު ހޯދުމަށް މަސައްކަތްކުރި ކަމަށާއި ޔުމްނުއަށް ތަކުރާރުކޮށް ގޮވި ކަމަށް. މިޓާޒް ފުރާޅަށް ތަކުރާރުކޮށް ބެލި ކަމަށާއި މަގުމަތިން ދިމާވި މީހުންގެ ގާތުގައި ރައްޓެއްސަކު ވެއްޓުނު ކަމަށް ބުނެފައިވާ ކަމަށް.
- އެ ރޭ ރައުދު އާއެކު އުޅުނު މީހުންނަށް ގުޅުމަށް މަސައްކަތްކުރި ކަމަށާއި އެގޮތުން ފޯނު ޗާޖުކުރުމަށް މަސައްކަތްކުރި ކަމަށް. ރައުދު ގުޅަން މަސައްކަތްކުރި މީހުންގެ ތެރެއިން މީހަކަށް ގުޅެންދެން ފެންޓެނޯއީ ކައިރީގައި އޭނާ މަޑުކުރިކަން ސީސީޓީވީ ފުޓޭޖުތަކުންނާއި ހެކިންގެ ހެކިބަހުން އެނގެން އޮތުން.
- ޔުމްނު މިޓާޒް ފުރާޅުމަތީގައި ޖެހުމާ ގުޅިގެން ނޫން ގޮތަކަށް އެހެން އަނިޔާއެއް އޭނާއަށް ލިބިފައި ނުވުން. އަދި މީހަކު ގަދަކަމުން ވައްޓާލުމަށް މަސައްކަތް ކުރުމުގެ އެއްވެސް ނިޝާނެއް ޔުމްނުގެ ހަށިގަނޑުން ފެންނަން އޮތްކަން މެޑިކަލް ރިކޯޑުތަކާއި ހެކިންގެ ހެކިބަހުން އެނގެން ނެތުން.
އެ ރިޕޯޓުގައިވާ ގޮތުން:
- އެކަމުގައި އިތުރު މީހެއްގެ ބައިވެރިވުން އޮތް ކަމަށް ނުބެލެވޭ ކަަމަށް
- ރައުދު ގަސްދުގައި ޔުމްނު ވައްޓާލީކަން ނުވަތަ ނޫންކަން ކަނޑައެޅެން ނެތް ކަމަށް
- ކޮމިޝަނަށް ބޮޑަށް ބުރަވެވެނީ ޔުމްނު ކުޑަދޮރުން ވެއްޓުނީ ކަމަށް
ތަފްސީލު އަންނަނީ…