ހ. މިޓާޒު ގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތްވާ ފެނުނު ހައްވާ ޔުމްނު ރަޝީދުގެ ސިއްހީ ހާލަތު ހުރި ގޮތުންނާއި އިތުރު އެކި ސަބަބުތަކާ ހުރެ، ސުވާލު ކުރުމުގެ ފުރުސަތު މިހާތަނަށް ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.
ޔުމްނު ހޭއެރީ މިދިޔަ އާދީއްތަ ދުވަހުގަ އެވެ. ޔުމްނުގެ ދައްތަ ރޭ ލައިވް ވީޑިއޯގައި ވާހަކަ ދައްކަމުން ބުނީ ހާދިސާ ހިނގައިދިޔަ ގޮތް ކިޔައިދީފައިވާ ކަމަށެވެ.
ޔުމްނުއާ ހަވާލާދީ ދައްތަ ބުނީ އޭނާ ވެއްޓުނު ހ. ފެންޓެނޯއީއަކީ ޔުމްނު ދަންނަ ގެއެއް ނޫން ކަމަށް ފުލުހުން ބުނި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށެވެ.
ޔުމްނު ދޭތެރެއަކުން އެ ގެއަށްދާ ކަމަށާއި، އެ ރޭ ދިޔައީ ޔޫސުފް ޔައްސާރު އަބްދުއްގަފޫރުގެ ދައުވަތަކަށް ކަމަށް ބުންޏެވެ.
ޔައްސާރަކީ ފޮރިން މިނިސްޓްރީގެ ކުރީގެ ބައިލޭޓަރަލް ސެކްރެޓަރީ ހާލާ ހަމީދުގެ ދަރިފުޅެވެ.
ޔުމްނު ވެއްޓުނީ އަމިއްލައަކަށް ނޫން ކަމަށް ބުންޏެވެ. އޭނާ ވެއްޓުނު އިރު ފުލުހުން އާންމުކުރި ސީސީޓީވީ ފުޓޭޖުތަކުން ފެނުނު ފެންޓެނޯއީގައި ޔުމްނުއާއެކު އުޅުނު ރައުދުއާއި ޔައްސާރު އަދި އިތުރު ދެ މީހުނާއެކު ހަތަރު މީހުން ތިބި ކަމަށް ތުހުމަތުކުރި އެވެ.
މިއަށްވުރެ އިތުރަށް ތަފުސީލުކޮށް އެ ވާހަކަ ކިޔައެއް ނުދެ އެވެ.
މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކުރެވި، ފުލުހުން ސީންއަށް އެޓެންޑްވި ހިސާބުން ފެށިގެންވެސް އަންހެން މީހާގެ ބަހެއް ހޯދުމަކީ ތަހުގީގަށް މުހިންމު ކަމެއްގެ ގޮތުގައި ދެކި، އެ ފުރުސަތު ހޯދުމަށް މަސައްކަތްކުރެވިފައިވާ ކަމަށެވެ.
“ނަމަވެސް، އަންހެން މީހާގެ ސިއްހީ ހާލަތު ހުރި ގޮތުންނާއި އިތުރު އެކި ސަބަބުތަކާހުރެ، އަންހެން މީހާއާ ސުވާލުކުރުމުގެ ފުރުސަތު މިހާތަނަށް ވަނީ ނުލިބިއެވެ. އެކަން މަގުފަހިވިހާ އަވަހަކަށް ތަހުގީގުން އަންހެން މީހާއާ ސުވާލުކުރަން ބޭނުންވެއެވެ.”
މިއީ މިހާރުވެސް ހިނގަމުންދާ ތަހުގީގެކެވެ. އެގޮތުން، މައްސަލައާ ގުޅިގެން ސުވާލުކުރަންޖެހޭ ފަރާތްތަކާ ސުވާލުކޮށް، އެ ފަރާތްތަކުން ފުލުހުންނަށް ދޭ މައުލޫމާތު ކަށަވަރުކުރުމަށް ތަހުގީގުން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.