
ރާއްޖޭގައި ޤުރުއާން ހިތުދަސްކުރާ ޒުވާން ކުދީންގެ އަދަދު އިތުރުވެ ހާފިޒުންގެ އަދަދު 291އަށް އަރައިފިއެވެ.
އިސްލާމިކް މިނިސްޓަރ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ، މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރޯދައިގެ ކުރީން އެ ޢަދަދު 300އަށް އަރާނެކަމަށާއި މި ވަގުތު މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 1500އަށް ވުރެ ގިނަ މީހުން ޤުރުއާން ހިތުދަސްކުރަމުން ގެންދާކަމަށެވެ.
މިދިޔަ އަހަރުން ފެށިގެން އިސްލާމިކް މިނިސްޓްރީން ވަނީ ހާފިޒުން ދަސްވެނިވުމަށް ޚާއްޞަ ޙަފްލާއެއް ބާއްވަން ފަށައިފައެވެ. އަދި މި އަހަރުގެ ދަސްވެނިވުން އަންނަ ރަމަޟާން މަހުގެ 27ވިރޭރޭ ބޭއްވުމަށް އެ މިނިސްޓްރީން ވަނީ ނިންމައިފައެވެ. އިސްލާމިކް މިނިސްޓަރ ވިދާޅުވީ އެ ޙަފްލާގައި އިތުރު 30 ޙާފިޒުން ދަސްވެނިވި ވާނެކަމަށެވެ.
މިނިސްޓަރ ވިދާޅުވީ އަމާޒަކީ މި ފަސްއަހަރު ތެރޭގައި ހާފިޒުންގެ ޢަދަދު 500އަށް ގެންދިޔުން ކަމަށެވެ. އަދި މިހާރު ވެސް 1500އަށް ވުރެ ގިނަ ފަރާތްތަކުން ހިތުދަސްކުރަމުން ގެންދިޔުމަކީ ތާރީޚީގޮތުން ފާހަގަކޮށްލެވޭ ޢަދަދެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން ހާފިޒުންނަށް ކުރިން ދެމުން ގެންދިޔަ 2000ރުފިޔާގެ އެލަވަންސް ދެގުނަކޮށް 4000އަށް ބަދަލުކޮށްފައިވާ ކަން ވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވައިފައެވެ.

