ޒުވާނުން ބާރުވެރިކޮށް، ކެރިއާ ގައިޑެންސް ޕްރޮގުރާމުތައް ހިންގުމަށް، މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޯލޮޖީ (އެމްއައިޓީ) އާއެކު އެޗްޑީސީން، މެމޮރެންޑަމް އޮފް އަންޑަސްޓޭޑިން (އެމްއޯޔޫ) އެއްގައި ސޮއިކޮށްފި އެވެ.
އެކަމަށްޓަކައި މިއަދު އެޗްޑީސީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، އެޗްޑީސީގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ ކުންފުނީގެ ޗީފް އޮޕަރޭޓިންގ އޮފިސާ އަހްމަދު މުހައްމަދު އެވެ. އަދި އެމްއައިޓީގެ ފަރާތުން މި އެމްއޯޔޫގައި ސޮއިކުރެއްވީ އެ ކޮލެޖްގެ ޑިރެކްޓާ އޮފް ޕްރޮގްރާމްސް، އާދަމް ހަލީމް އެވެ.
އެއް އަހަރު ދުވަހުގެ މި އެމްއޯޔޫގެ ދަށުން، އަންހެނުންނާއި ޒުވާނުން، އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ބާރުވެރިކުރުވުމުގެ ޕްރޮގުރާމުތައް އެމްއައިޓީއާ ގުޅިގެން ކުރިއަށްގެންދާނެ އެވެ. އެގޮތުން، އަލަށް ސްކޫލް ނިންމައި ނުކުންނަ ދަރިވަރުން ވަޒީފާގެ މާހައުލަށް އަހުލުވެރި ކުރުމަށް ކެރިއާ ގައިޑެންސް ޕްރޮގުރާމުތައް ހިންގުމަށް ވަނީ ހަމަޖެހިފަ އެވެ.
އަދި ޒުވާނުންނާއި އަންހެނުންނަށް ހާއްސަކޮށް، ޑޮމެސްޓިކް އެޕްލައަންސް ސޭފްޓީ ޕްރޮގުރާމްތަކާއި، މޮޓޯ ސައިކްލް ރިޕެއާ އެންޑް މެއިންޓެނެންސް ޕްރޮގުރާމްތަކުގެ އިތުރުން، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށްގެން، ވީލްޗެއާ ރިޕެއާ އެންޑް މެއިންޓެނެންސް ޕްރޮގުރާމުތައްވެސް މި އެމްއޯޔޫގެ ދަށުން ކުރިއަށްގެންދާނެ އެވެ.
ޒުވާނުންނަށް ހާއްސަކޮށް ކެރިއާ ގައިޑެންސް ދިނުމަށް އެޗްޑީސީން އިސްނަގައިގެން އެފަދަ ޕްރޮގުރާމުތައް އަބަދުވެސް އަންނަނީ ހިންގަމުންނެވެ. އެގޮތުން، ކުރިއަށް އޮތްތަނުގައިވެސް އެފަދަ ގިނަ ޕްރޮގުރާމުތައް ހިންގައި ޒުވާނުން ބާރުވެރިކުރުވުމަކީ އެ ކޯޕަރޭޝަންގެ އަމާޒެކެވެ.