މި މަހުގެ 18 ވަނަ ދުވަހުގެ ފަތިސް ވަގުތު މާލޭގެ ހެންވޭރުގައި ހުރި އިމާރާތަކުން ޖެހިގެން ހުރި ގޭގައި ހަދާފައިވާ ގުދަނުގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު (21އ)، ވެއްޓުނު މައްސަލަ އާ ގުޅިގެން ޒުވާނުންގެ ހުރި ކަންބޮޑުވުންތައް ބަލައިގަންނަ ކަމަށާއި މައްސަލަ ސިޔާސީ ނުކުުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.
ރައީސް އެހެން އެދިވަޑައިގެންފައި ވަނީ ރަސްމީ ދަތުރުފުޅެއްގައި މެލޭޝިއާއަށް ފުރާވަޑައިގަތުމުގެ ކުރިން ދައުލަތުގެ މީޑިއާއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގަ އެވެ.
ހ. ފެންޓެނޯއީގޭގެ ނުވަ ވަނަ ފަންގިފިލާއިން ޖެހިގެން ހުރި މިޓާޒް ގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނު ހާދިސާއަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ މި ސަރުކާރަކީ ކޮންމެ ކަމެއްގައި ވެސް އިންސާފުގެ މަގުން ކަންކަން ކުރުމަށް ބާރުއަޅާނެ ސަރުކާރެއް ކަަމަށެވެ. އެކަމުގައި އެއްވެސް ރައްޔިތަކާ މެދު ތަފާތު ކުރުމެއް ސަރުކާރުން ނުގެންގުޅޭނެ ކަމަށެވެ.
މައްސަލަ އާ ގުޅިގެން ފުރަތަމަ ދުވަހުން ފެށިގެން މިއަދާ ހަަމައަށް ވެސް ގަބޫލުކުރެއްވި އުސޫލަކީ ކަމުގެ ހަގީގަތް ހޯދައި އިންސާފު ގާއިމުކުރުން ކަމުގައި ރައީސް ވިދާޅުވި އެވެ.
“އެއްވެސް ފަރާތަކީ އަޅުގަނޑަށް މުހިންމު މީހެއް ނޫން. އެ މީހާ ފޮރުވުމަށް ޓަކައި، އެ މީހާ އާ މެދު ތަފާތު ކުރުމެއް. މިހާރު އެލިގޭޝަން އޮތް ގޮތަށް ކަވާއަޕް ކުރާނީއޭ، ބައެއް ސީރިއަސް ކޮންސާންސްތަކެއް އެބަހުރި. ހާއްސަކޮށް ޒުވާން ކުދިންގެ ތެރޭގައި. ޖެނުއިން ކޮންސާންސް. އަޅުގަނޑަށް ހަމަ ވަރަށް މުހިންމު އެ ކޮންސާންސްތައް އަޑުއެހުން،” ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި މުޒާހަރާތައް ފެށިގެން އައިއިރު، ހުރި ކަންބޮޑުވުންތައް ގަބޫލުފުޅު ކުރައްވާ ކަމުގަ އެވެ. އަބަދުވެސް ބޭނުންފުޅު ވަނީ މި މައްސަލަ އާ މިފަދަ އެހެން މައްސަލަތަކުގައި ވެސް އިންސާފު ގާއިމުކޮށްދޭން ކަމުގަ އެވެ. އެގޮތުން ކުށްކުރި ފަރާތް ހޯދައި، ގާނޫނުގައި އޮތް އަދަބެއް ދިނުން ކަމުގަ އެވެ. އެ އިންސާފު ގާއިމުކުރުމުގައި ވަކި މީހަކު މުހިންމު ނޫން ކަމުގައި ފާހަގަކުރެއްވި އެެވެ.
މައްސަލަ ބެލުމަށް ކޮމިޝަނެއް މިހާރު އެކުލަވާލާފައިވާ ކަމަށާއި ކޮމިޝަނުގެ ފަރާތުން ހަގީގަތް ހޯދުމަށް އެއްވެސް ފަރާތަކުން ހުރަހެއް ކުރިމައްޗެއް ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
“އަޅުގަނޑު ބޭނުން ވަނީ ވަރަށް ދެފުއްފެންނަ ގޮތެއްގައި، ވަރަށް ޒިންމާދާރު ގޮތެއްގައި މި މައްސަލަ ބަލައި ނިމެން. އަދި ބަލާ ނިމޭއިރުގައި އެއްވެސް މީހަކީ ތަފާތު ކުރެވިގެން ވާނެ މީހަކަށް ވެގެން ނުވާނެ. އަޅުގަނޑުމެންގެ ތެރޭގައި މި އުފެދޭ ސުވާލުތަކަކީ ޖަވާބު ލިބެން ޖެހޭ ސުވާލުތަކެއް. ހުރިހާ ކަމެއް ސާފުވެގެން ދާނެ،” ރައީސް ވިދާޅުވި އެވެ.
ރައީސްގެ ވާހަަކަފުޅުގައި ވަނީ ގައުމުގައި ހަމަޖެހުން އޮތުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ. އެ އާއެކު އިންސާފާއި އަދާލަތު ގާއިމުވެފައި އޮތުމަކީ ވެސް މުހިންމު ކަމެއްގެ ގޮތުގައި ހާމަކުރެއްވި އެވެ. އެކަން އޮންނަން ވާނީ ހަމައެކަނި ހާދިސާއެއް ހިނގައިދިއުމުން ނޫން ކަމަށާއި ހުރިހާ ދާއިރާއެއްގައި ވެސް އެކަން އެގޮތަށް އަބަދުވެސް އޮންނަން ވާނެ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެ ކަންކަން އެ ގޮތަށް ގެންދިއުމުގައި ހުރަހަކަށް ކުރިމަތިވާނެ އެކަކު ވެސް ނުހުންނާނެ ކަމަށެވެ. އެކަން ރިޔާސީ އިންތިހާބުގެ ދުވަސްވަރުގަ އާއި ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު ވެސް ފާހަަގަކުރައްވާފައިވާނެ ކަމަށް ވިދާޅުވި އެވެ.
“އަޅުގަނޑުގެ މައްޗަށް ބާރުފޯރުވޭނެ އެކަކު ވެސް ނުހުންނާނެ. އަޅުގަނޑަށް ނުފޫޒު ފޯރުވޭނެ އެކަކު ވެސް ނުހުންނާނެ. އަޅުގަނޑު ޖަވާބުދާރީވާން ޖެހޭނީ ހަމައެކަނި ރައްޔިތުންނަށޭ. ރައްޔިތުންގެ ހާދިމެކޭ. ރައްޔިތުންނޭ އަޅުގަނޑު ވޯޓުދީ ހޮވާފައި މިހިރީ،” ރައީސް ވިދާޅުވި އެވެ.
އެހެންކަމުން އެއްވެސް މީހެއް ހިމާޔަތް ކުރުން އެމަނިކުފާނަށް މުހިންމު ނުވާނެ ކަމަށެވެ. އެއްވެސް މީހަކު ދެކެ ކަންބޮޑުވެ، ބިރުން އިންސާފު ގާއިމުނުކުރެވި، އަދުލުވެރިކަމާ އެކު ކަންކަން ނުކުރެވި ނުދާނެ ކަމަށެވެ. މިހާތަނަށް އައިއިރު ވެސް އެކަން ފެންނަން އޮންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި މުހިންމީ ރައްޔިތުން ކުރި އިތުބާރާއި ކުރައްވާފައިވާ ހުވާގެ މަތީގައި ސާބިތުވެ ހުންނެވުން ކަމުގަ އެވެ.
ރައީސް ވަނީ ޒުވާނުންނަށް އިލްތިމާސްއެއް ވެސް ކުރައްވާފަ އެވެ. ވިދާޅުވީ ކަންބޮޑުވުމާއި ޖަޒުބާތުތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފިޔަ ނުދިނުމަށެވެ.
“މިހާރު ފެނިގެން މި ދަނީ އޭ، އެބަ ދޭ ނޫން ހެއްޔޭ ސިޔާސީ ފަރާތްތަކުން ތި ކުދިންގެ ބޭނުން. ތި ޝުއޫރުތަކުގެ ބޭނުންކޮށްގެން ސިޔާސީ ގޮތުން ގައުމުގެ ހަލަބޮލިކަން އުޅޭ ތަން އެބަ ފެނޭ ނޫން ހެއްޔޭ. އަޅުގަނޑުމެންނަށް މި ފެންނަނީ އެކަން ކުރަން މަސައްކަތްކުރާ ބަޔަކު އުޅޭ ތަން. އެއީ އެއް ނޫން އަޅުގަނޑު ހިތުން އެ ކުދިން ވެސް ބޭނުންވާނެ ގޮތަކީ،” ރައީސް ވިދާޅުވި އެވެ.
އިންސާފާއި ހަމައަށް ލޯބިކުރާ އެއްވެސް މީހަކު ވެސް އެގޮތް ބޭނުން ނުވާނެ ކަމުގައި ރައީސް ވިދާޅުވި އެވެ. ގައުމުގައި ހަމަނުޖެހުން އުފެއްދުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދިނުމަށް ރައީސް އެދިވަޑައިގެންނެވި އެވެ. އެއީ އެއްވެސް މީހަަކަށް މަސްލަހަތު އޮތް ގޮތް ނޫން ކަމުގައި ފާހަގަކުރެއްވި އެވެ.