ރާއްޖޭގެ ޒަކާތު ހައުސްއަށް މީހުން ބިނާކުރަން އެ އިދާރާއާއި މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ (އައިއައިޔޫއެމް) އާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.
އެ އެމްއޯޔޫގައި ސޮއިކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު މެލޭޝިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެވެ.
އެ އެމްއޯޔޫގައި ރާއްޖޭގެ ފަރާތުން ސޮއިކުރީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ. އަދި އައިއައިޔޫއެމްގެ ފަރާތުން ސޮއިކުރެއްވީ ރެކްޓަރ ޕްރޮފެސާ ޑރ. އުސްމާން ބަކަރް އެވެ.
އެ އެމްއޯޔޫގެ އިތުރު ތަފްސީލެއް އިސްލާމިކް މިނިސްޓްރީން ނުދެއެވެ.
ރައީސް މުއިއްޒުގެ ދަތުރުފުޅުގައި މެލޭޝިއާއާއެކު ފަސް ދާއިރާއަކުން އެއްބާރުލުން ދިނުމަށް ވެސް އެމްއޯޔޫތަކެއްގައި ވަނީ ސޮއިކޮށްފަ އެވެ.
އޭގެ ތެރޭގައި ދެ ގައުމުގެ ގުޅުން ބަދަހިކުރަން މަޝްވަރާކުރުމާއި ހާރިޖީ ދާއިރާއިން މުވައްޒަފުން ތަމްރީނުކުރުމާއި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ބެހޭ އެމްއޯޔޫ ހިމެނެ އެވެ.
އޭގެ އިތުރުން ސިއްހީ ދާއިރާއިން ގުޅުން ބަދަހިކުރުމާއި ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ވެސް އެމްއޯޔޫއެއްގައި މެލޭޝިއާއާއެކު ވަނީ ސޮއިކޮށްފަ އެވެ.