ޒަރޫރީ ބޭނުމަށް ނޫނީ ނޭޕާލުގައި ތިބި ދިވެހީން ބޭރަށް ނުނިކުންނަށް ފޮރިން މިނިސްޓްރީން މިއަދު އިލްތިމާސްކޮށްފި އެވެ.
ނޭޕާލްގައި ސޯޝަލް މީޑިއާގެ ބައެއް ޕްލެޓްފޯމުތައް މަނާކުރަން ނިންނި ނިންމުމާ ގުޅިގެން އެ ގައުމުގައި ވަރުގަދަ މުޒާހަރާތަކެއް ދަނީ ކުރަމުން ނެވެ. އަދި ސަރުކާރުގެ ބައެއް އިމާރާތްތަކުގައި ރޯކޮށް ބޮޑެތި ގެއްލުންތަކެއް ވެސް ދަނީ ދެމުން ނެވެ.
އެކަމާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނުގައި ވަނީ މި ނާޒުކު ދަނޑިވަޅުގައި ނޭޕާލުގެ ކަމާބެހޭ އިދާރާތަކުންނާއި، އިންޑިއާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުންނާއި އެ މިނިސްޓްރީން ދޭ އިރުޝާދުތަކަށް ފުރިހަމައަށް ތަބާވުމަށާއި، ހަމަނުޖެހުން ހިނގާ ސަރަހައްދުތަކާ ދުރުހެލިވެ، ރައްކާތެރިކަމަށް އިސްކަންދިނުމަށް އިލްތިމާސްކޮށްފަ އެވެ.
އޭގެ އިތުރުން ކަތަމަންޑޫގެ ގިނަ ސަރަހައްދުތަކެއްގައި ކާފިއު އިއުލާންކޮށްފައިވާތީ، މި ދަނޑިވަޅުގައި ކަތަމަންޑޫގައި ދިރިއުޅުއްވާ އަދި ދަތުރުފަތުރުކުރައްވާ އެންމެހައި ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދެއްވައި، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގުމައްޗަށް ނުނިކުތުމަށް ވެސް އިލްތިމާސްކޮށްފަ އެވެ.
“ނޭޕާލުގައި ތައުލީމު ހާސިލުކުރަމުންދާ ދިވެހި ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، އެ ގައުމުގެ ކަމާގުޅޭ އިދާރާތަކާ މަޝްވަރާކޮށް، މި ހާއްސަ ހާލަތުގައި ބޭނުންވާ ލުއިފަސޭހަތައް ހަމަޖައްސައިދިނުމަށް އިންޑިއާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުންނާއި މި މިނިސްޓްރީން މަސައްކަތްކުރަމުންދާ ވާހަކަ ދަންނަވަމެވެ. އަދި ހަމައެއާއެކު، ނޭޕާލުގެ މަޝްރަޙު އިތުރަށް ގޯސްވެއްޖެނަމަ، ނޭޕާލުގައި ތިއްބެވި ދިވެހި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން އަރުވަމެވެ.” މިނިސްޓްރީން ނެރުނު ބަޔާނުގައި ބުންޏެވެ.
މިނިސްޓްރީން އިތުރަށް ބުނީ ނޭޕާލުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން އެ ގައުމުގައި ތިބި ދިވެހި ރައްޔިތުންގެ ކަންކަން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އަދި ނޭޕާލުގެ ހާލަތު ބަދަލުވަމުންދާ ގޮތުން އެއްވެސް އެހީތެރިކަމެއް ބޭނުންފުޅުވާނަމަ، އިންޑިއާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނާ ގުޅުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
އަދި ނޭޕާލުގެ މަޝްރަހު އާންމު ހާލަތަށް އަނބުރާ ރުޖޫޢަވަންދެން، ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އިތުރު ދަތުރުތައް ނުކުރަން ވެސް ވަނީ އިލްތިމާސްކޮށްފަ އެެވެ.