
ޑްރަގު ވިޔަފާރި ކުރާ ފަރާތްތަކާ ދެކޮޅަށް އޮޕަރޭޝަނެއް ހިންގަން ފުލުހުންނަށް އަންގައިފައިވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖެއަކީ ޑްރަގުގެ ވަބާއިން ސަލާމަތްވެފައިވާ ޤައުމަކަށް ހެދުމަށް ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި ޑްރަގު ވިޔަފާރި ކުރަމުންދާ ފަރާތްތަކާ ދެކޮޅަށް ޚާއްޞަ އޮޕަރޭޝަނެއް ހިންގުމަށް ފުލުހުންނަށް މިއަދު އަންގަވައިފައިވާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި އޮޕަރޭޝަންގައި 500އަށް ވުރެ ގިނަ ފުލުހުން ބައިވެރިވާނެ ކަމަށާއި އެއްވަގުތެއްގައި 100އަށް ވުރެ ގިނަ ތަން ބަލާ ފާސްކުރެވޭނެ ކަމަށެވެ.
ފުލުހުންގެ ޚިދުމަތުން ހިންގާ މިފަދަ އޮޕަރޭޝަންތަކުގައި ޑްރަގުގެ ވިޔަފާރިކުރާ ބޮޑެތި ނެޓްވޯކްތައް މީގެ ކުރިން ވަނީ ހޯދައިފައެވެ. ފާއިތުވި ސެޕްޓެމްބަރު ހޯމް މިނިސްޓަރު ޢަލީ އިހުސާން ވެސް ވިދާޅުވެފައި ވަނީ ކުރިން ރާއްޖޭގައި އޮންނަ ސިޔާސަތަކީ ޑްރަގު ބޭނުން ކުރާ މީހުން ހައްޔަރު ކުރުންކަމަށެވެ. ނަމަވެސް މި ސަރުކާރު ހައްޔަރުކުރާނީ ޑްރަގު ވިޔަފާރި ކުރާ މީހުން ކަމަށެވެ. އަދި ޑްރަގް ވަބާއަށް ދާއިމީ ޙައްލެއް ހޯދާނެކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

