
ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބުދެވޭ ގޮތަށް މަސްތުވާތަކެއްޗާ ބެހޭ ޤާނޫނަށް ގެނައި އިސްލާޙު، ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ތަސްދީޤުކުރައްވައިފިއެވެ.
ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި ބިލަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ވަނީ އިޞްލާޙްތަކެއް ގެނެސްފައެވެ. އެގޮތުން 350 ގްރާމަށް ވުރެ އިތުރު އަދަދެއްގެ ކެނެބިސްއާއި، 250 ގްރާމަށް ވުރެ އިތުރު އަދަދެއްގެ ޑައިފޯމިން، އެ ނޫން ބާވަތެއްގެ މަސްތުވާތަކެތި 100 ގްރާމަށް ވުރެ އިތުރު ނަމަ މަރުގެ އަދަބު ދެވޭނެއެވެ. އަދި އެ މީހަކު ރާއްޖެއަށް އެތެރެވާ އިރު، މަސްތުވާތަކެތި އެތެރެ ކުރުމުން ވެސް މަރުގެ އަދަބު ދެވޭނެއެވެ.
މީގެ އިތުރުން ބިލަށް ގެނައި އިސްލާޙުގައި ބަޔާންކޮށްފައިވާ ގޮތުން މަސްތުވާތަކެތި އެތެރެކުރާ މީހަކަށް މަރުގެ އަދަބު ދެވޭނީ، ސުޕްރީމް ކޯޓުގެ މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާޤުން ޙުކުމް ކުރުމުންނެވެ. އިއްތިފާޤުން މަރުގެ ޙުކުމް ކަނޑަނާޅުއްވާ ނަމަ އެ ހާލަތުގައި އެ މީހަކު އުމުރަށް ޖަލަށްލުމާ އެކު 100،000 ރުފިޔާއާއި، 10،000،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ވަނީ ކަނޑައަޅައިފައެވެ.
ހަމައެހެންމެ، ކޮމިޓީން ހުށަހެޅުއްވި އިތުރު އިސްލާޙުތަކުގެ ތެރޭގައި މަސްތުވާތަކެތި ރާއްޖެއަށް އެތެރެ ކޮށްގެން މަރުގެ އަދަބު ނުވަތަ އުމުރު ދުވަހަށް ޖަލު ޙުކުމެއް އިއްވާ މީހަކަށް އަދަބު މަޢާފުކޮށް ނުވަތަ ލުއިކޮށް ނުދެވޭނެ ކަމަށާއި ޕެރޯލްގެ ދަށުން ދޫނުކުރެވޭނެ ކަމަށް ވެސް ވަނީ ބަޔާންކޮށްފައެެވެ.

