މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް، ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ދެބެއިން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އިއްޔެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ގ. ސެމިޓޯން، މާލެ، އިބްރާހީމް ޝަރީފް (41އ) އާއި ގ. ސެމިޓޯން، މާލެ، ހަމްޒާ ޝަރީފް (44އ) ކަމަށެވެ.
މަސްތުވާތަކެތި ވިއްކުމާއި ބޭނުންކުރުން ހުއްޓުވުމާއި މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވޭ ހާއްސަ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނުގައި އެ މީހުން ހައްޔަރުކޮށް ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވެ އެވެ. މި ތަކެތީގެ ވަގުތީ ބަރުދަނީ 90.54 ގުރާމެވެ.
މި މައްސަލައާ ގުޅިގެން އިބްރާހީމް ޝަރީފްއާއި ޙަމްޒާ ޝަރީފްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެ އެވެ.
މި މައްސަލަ ޑްރަގް އެންފޯސްމަންޓުން ދަނީ ތަހުގީގުކުރަމުންނެވެ.