
ޑުރަގު އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދިނުމާ ދެކޮޅުކަން ކުރީގެ އުއްތަމަ ފަނޑިޔާރު ހުސްނުއް ސުއޫދު ހާމަކުރައްވައިފި އެވެ.
ޑުރަގު އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް މަސްތުވާތަކެތީގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުތައް މަޖިލީހުން ފާސްކޮށްފައިވަނިކޮށް އެ ބިލު މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ތަސްދީގުކުރައްވައިފަ އެވެ.
އެ ބިލު ތަސްދީގުކުރުމުގެ ކުރިން ސުއޫދު އެކްސްގައި ވިދާޅުވީ މިއީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ކުރިން ގެންގުޅެމުން އައި ޕޮލިސީތަކާ މުޅިން ތަފާތު ޕޮލިސީއެއް ކަމަށެވެ.
އެހެން ނަމަވެސް މިއީ ރަނގަޅު ސިޔާސަތެއް ނޫން ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ.
މަރުގެ އަދަބު ދިނުމާ ދެކޮޅުކަން ހާމަކޮށް ސުއޫދު އިތުރަށް ވިދާޅުވީ ކޮރަޕްޝަންގެ މައްސަލައަކީވެސް ނުރައްކާތެރި މުސީބާތެއް ފަދަ މައްސަލައެއް ކަމަށެވެ.
The Maldives Parliament has passed a new law introducing the death sentence for drug trafficking — a major policy shift aimed at tackling narcotics in the country. Don't believe this is the right approach.
P.S. Corruption is an equal menace.https://t.co/nIlqy9gFjo
— Husnu Al Suood (@husnusuood) December 4, 2025
މަރުގެ އަދަބު ދިނުމާ ދެކޮޅުކަން ހާމަ ކުރެއްވި ނަމަވެސް އޭގެ ސަބަބެއް ސުއޫދު އެކްސްގައި ވިދާޅެއް ނުވެއެވެ.
އެމްޑީޕީގެ ސަރުކާރުގައި އުއްތަމަ ފަނޑިޔާރުކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ސުއޫދު އުއްތަމަ ފަނޑިޔާރުކަމުގެ މަގާމާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން އިސްތިއުފާ ދެއްވީ ޖޭއެސްސީން އޭނާގެ މައްސަލަތަކެއް ބަލަމުން ދަނިކޮށް މިދިޔަ މާޗު މަހު އެވެ.
ސަރުކާރުން ބިރު ދައްކަމުންދާކަމަށް ބުނެ އިސްތިއުފާ ދެއްވި ފަހުން ވެސް ސުއޫދު ސަރުކާރުގެ އެކި ސިޔާސަތުތަކަށް ދަނީ ފާޑުވިދާޅުވަމުން ނެވެ.

