ރާއްޖޭގެ ފުރަތަމަ ޑިވެލޮޕްމަންޓް ބޭންކް، ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް) ގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯގެ މަގާމުން އިސްތިއުފާ ދެއްވި ނޮއެލް ގްރެގާ ޕެޓާސަން ޖޯންސްއަށް ލިބެން ޖެހޭ މުސާރަ އާއި އިނާޔަތްތައް ނުލިބޭތީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅުއްވި މައްސަލަ ބާތިލުކޮށްފި އެވެ.
ޑީބީއެމްގެ ސީއީއޯގެ މަގާމުން ނޮއެލް އިސްތިއުފާ ދެއްވާފައި ވަނީ މިދިޔަ މާޗް މަހުގެ 23 ވަނަ ދުވަހު އެވެ. ވަޒީފާއާ ބެހޭ ޓްރައިބިއުނަލުގެ ވެބްސައިޓުން އެނގޭ ގޮތުގައި ޓްރައިބިއުނަލަށް އޭނާ މައްސަލަ ހުށަހަޅުއްވާފައި ވަނީ އެޕްރީލް މަހުގެ ހަތް ވަނަ ދުވަހު އެވެ.
ނޮއެލް މައްސަލަ ހުށަހަޅުއްވާފައި ވަނީ މުސާރަ އާއި އިނާޔަތްތައް ނުލިބޭ ކަމަށް ވިދާޅުވެ އެވެ. އޭނާ ހުށަހެޅުއްވި މައްސަލަ ޓްރައިބިއުނަލުން ވަނީ މި މަހުގެ ހަތް ވަނަ ދުވަހު ބާތިލުކޮށްފަ އެވެ. މައްސަލަ ބާތިލުކުރި ސަބަބެއް ކަމަށް ޓްރައިބިއުނަލުގެ ނިންމުމުގައި ބުނެފައި ވަނީ މައްސަލަ ހުށަހެޅި ފަރާތަކީ ބިދޭސީ ފަރާތަކަށް ވެފައި، އެ ފަރާތަކީ އެކަށީގެންވާ ފެންވަރަށް ދިވެހި ބަހުން ވާހަކަ ދެއްކޭނެ ފަރާތަކަށް ނުވާތީވެ ތަރުޖަމާނަކު ހަމަޖެއްސުމަށް ދިން މުއްދަތުގައި އެކަން ކޮށްފައި ނުވާތީ ކަމަށެވެ.
މައްސަލަ ބާތިލުކުރިކަން އަންގާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި 500 ރުފިޔާގެ ފީ އަކާ އެކު މައްސަލަ އަލުން ހުށަހެޅުމުގެ ފުރުސަތު އޮންނާނެ އެވެ.
މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ފަހުކޮޅު ޑީބީއެމްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯގެ މަގާމަށް އައްޔަންކުރެއްވި ނޮއެލް މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.
ނޮއެލްއަކީ ޗީފް އިންވެސްޓްމެންޓް އޮފިސަރެއްގެ ހައިސިއްޔަތުން ސައުދީ އަރަބިއްޔާގެ ނޭޝަނަލް އިންފްރާސްޓްރަކްޗާ ފަންޑު ގާއިމުކުރުމުގައި މުހިންމު ދައުރެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ އިލެކްޓްރިކް ވެހިކަލް އެފްރިކާ ފަންޑުގެ ޗެއާޕާސަންގެ އިތުރުން އިރުދެކުނު އޭޝިއާގައި ކްލީން އެނާޖީ ޕްރޮޖެކްޓުތައް މެނޭޖްކުރައްވާފަ އެވެ. ގްރީން ފައިނޭންސް އަދި އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓުގެ ދާއިރާއިން ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ނޮއެލް ވަނީ އެ ދާއިރާތަކުން ހުނަރާއި ގާބިލުކަން ދައްކަވާފަ އެވެ.
ނޮއެލް ވަނީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީން މެނޭޖްމަންޓް ސްޓަޑީސްގެ ދާއިރާއިން މާސްޓާ އޮފް ފިލޯސަފީ ހާސިލު ކުރައްވާފަ އެވެ.
ޑިވެލޮޕްމަންޓް ބޭންކަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ދެމެހެއްޓެނިވި އިގުތިސޯދީ އަދި އިޖުތިމާއީ ތަރައްގީއަށް އިންވެސްޓް ކުރުމާއި އުމްރާނީ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދަން ސަރުކާރުން އުފެއްދި ބޭންކެކެވެ.
ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ، ސަރުކާރުގެ ކުންފުންޏެއްގެ ގޮތުގައި “ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް” އުފައްދަވާފައި ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 16 ވަނަ ދުވަހު އެވެ.
ޑިވެލޮޕްމަންޓް ބޭންކް ހުޅުވުމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ލައިސަންސް ދީފައި ވަނީ އޮކްޓޯބަރު މަހު އެވެ. އެ އާއެކު ބޭންކް ރަސްމީކޮށް އިފުތިތާހުކޮށްފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ މެދުތެރޭގަ އެވެ. އެހެންނަމަވެސް ބޭންކުގެ އަމަލީ މަސައްކަތް މިހާތަނަށް ފެށިފައެއް ނުވެ އެވެ.