ޅ. އަތޮޅު ގާއެރިފަޅު ކައިރިއަށް ރޭ މެންދަމު ފީނަން ނުކުމެ އުޅުނު ބައެއް ތިބި ޑިންގީއެއްގައި ލޯންޗަކުން ޖެހި ހިނގި އެކްސިޑެންޓެއްގައި ފަސް މީހަކަށް އަނިޔާވެ، އެކެއްގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ އެ ހާދިސާ ހިނގި ކަމުގެ ރިޕޯޓު ލިބުނީ ރޭ 12.33 ހާއިރު ކަމަށެވެ.
އެކްސިޑެންޓުގައި ޑިންގީގައި ތިބި ފަސް މީހުންނަށް އެކި ވަރުގެ އަނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އޭގެ ތެރެއިން އެކަކަށް ސީރިއަސް އަނިޔާތަކެއްވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވާކަން ފާހަގަކޮށްފައިވެ އެވެ.
ފުލުހުން ބުނި ގޮތުގައި އަނިޔާވި މީހުންނަށް ޅ. އަތޮޅު ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުން ކަމުގަ އެވެ.
އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ ފަސް ދިވެހި ފިރިހެނުންނަށެވެ.
އެކްސިޑެންޓުގައި ޑިންގީ ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ގެންދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.