
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަހުމަދު ޝަމާހު ރަޝީދު ވަކިކޮށްފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ)ގެ ބޯޑުން މިއަދު މެންދުރު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ޝަމާހު ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުންނާއި، ޑިރެކްޓަރުންގެ ބޯޑް މެމްބަރުކަމުގެ މަގާމުން ވެސް މިއަދު ވަކިކޮށްފައިވާ ކަމަށެވެ.
އޭގެ ސަބަބެއް ޕީސީބީއިން ވެސް ސަރުކާރުން ވެސް ހާމައެއް ނުކުރެއެވެ.
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް – ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުންނާއި، ޑިރެކްޓަރުންގެ ބޯޑް މެމްބަރުކަމުގެ މަޤާމުން މ. ސިސްކަން، އަލްފާޟިލް އަޙްމަދު ޝަމާޙް ރަޝީދު މިއަދުން ފެށިގެން ވަނީ ވަކިކޮށްފައެވެ.
— Privatization & Corporatization Board (@pcb_gov) January 11, 2026
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ކުރިން ހުންނެވި ހުސެއިން ފަހުމީ ވަކިކޮށް ޝަމާހު އެ މަގާމަށް އައްޔަނުކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހުއެވެ.
ޝަމާހު 2024 ވަނަ އަހަރުގެ މޭ މަހާ ހަމައަށް ހުންނެވީ މިފްކޯގެ ސީއީއޯގެ މަގާމުގައެވެ. ނަމަވެސް އޭގެ ފަހުން އެ މަގާމުން ވަކިކޮށް އޭނާ ފިޝަރީޒްގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ވެސް އައްޔަނުކުރިއެވެ.

