
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިއްޔެ ވަކިކުރި އަހުމަދު ޝަމާހު ރަޝީދުގެ ކޮރަޕްޝަންގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފިއެވެ.
ޝަމާހުއަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލައެއް ބަލަމުންދާ ކަމަށް އޭސީސީން ވަނީ ކަށަވަރުކޮށްދީފައެވެ. ނަމަވެސް މައްސަލައިގެ ތަފްސީލު ހާމަކޮށްފައެއް ނުވެއެވެ.
ޝަމާހު އިއްޔެ ކުއްލި ގޮތަކަށް ސްޓެލްކޯގެ އެމްޑީގެ މަގާމުން ވަކިކުރުމަށްފަހު އެ މަގާމު ވަގުތީ ގޮތުން ހަވާލުކޮށްފައި ވަނީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު، ޑރ. އަލީ އަޒުވަރު އާއެވެ. އެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު އަޒުވަރު އެންމެ ފުރަތަމަ އެޅުއްވި ފިޔަވަޅަކީ، ޕްރޮކިއުމެންޓްގެ ހެޑަކަށް ހުންނެވޮ އަޒުހަދު ރަމީޒު މަގާމުން ވަކިކުރުމެވެ.
ޝަމާހު މަގާމުން ވަކިކުރިފަހުން އިއްޔެ ވަނީ އޭނާ ކަމަށް ބުނާ މީހެއްގެ އޯޑިއޯއެއް ލީކުވެފައެވެ. އެ އޯޑިއޯގައި ޝަމާހު ކަމަށް ތުހުމަތު ކުރެވޭ މީހާވަނީ ކުންފުނީގެ ތެރެއިން ކޮރަޕްޝަން ހިންގާކަމަށް ދޭހަވާ ވާހަކަތަކެއް ދައްކައިފައެވެ. އަދި އޭނާގެ “ކުޅިވަރު” އެންމެ ރަނގަޅަށް އެނގޭނީ މަގާމުން ވަކިކުރި އަޒުހަދު އަދި ސާއިދަށް ކަމަށްވެސް ބުނެއެވެ.
އަޒުހަދު މަގާމުން ވަކިކުރުމަށްފަހު ޕްރޮކިއުމެންޓްގެ ވެރިޔަކަށް މިހާރު އައްޔަނު ކޮށްފައިވަނީ ބިއުރޯގެ ހެޑަކަށް ހުރި އަސްފާ ހުސެއިންއާއެވެ.

