
ސޮނެވާ ޖާނީ ރިސޯޓުގެ “ގެދަރިން” އިމާރާތުގައި ރޯވި އަލިފާން، ރޯތިވާ 7 ގަޑިއިރު ފަހުން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ނައިފަރު ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވެ ނިއްވާލައިފިއެވެ.
ޤައުމީ ދިފާއީ ބާރުން ބުނީ، މި ހާދިސާގެ ރިޕޯޓް އިއްޔެ މެންދުރު 14:10 ހާއިރު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ނައިފަރު ފަޔަރ ސްޓޭޝަނަށް ލިބުމާ އެކު، އެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ރިސޯޓަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައި ކަމަށެވެ. މިގޮތުން، ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ ރޭ 21:00 ހާއިރު ކަމަށް ދިފާއީ ބާރުން މަޢުލޫމާތުދެއެވެ.
މި ހާދިސާގައި އަލިފާން ރޯވި “ގެދަރިން” އިމާރާތަކީ 3 ފްލޯއަށް ހަދާފައިވާ ތަނެއް ކަމަށާއި މި އިމާރާތުގައި ރިސޯޓުގެ މުހިންމު ތަންތަން ހިމެނޭއިރު އެ ތަންތަން ވަނީ ބޭނުން ނުކުރެވޭވަރަށް އަނދާފައި ކަމަށް ދިފާއީ ބާރުން ބުނެއެވެ.
އަލިފާން ނިއްވުމުގައި ޝިޔާމް ވޯލްޑް އަދި ރަންދެލި ރިސޯޓުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށާއި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މަޢުލޫމާތެއް ލިބިފައި ނުވާ ކަމަށް ވެސް އެމްއެންޑީއެފްއިން ބުނެއެވެ.

