ސްޓެލްކޯގެ ހުރިހާ ކަސްޓަމަރުންގެ ކަރަންޓު މީޓަރުތައް ސްމާޓް މީޓަރަށް ބަދަލުކުރުމުގެ މަސައްކަތް ސެޕްޓެމްބަރަށް ނިމޭނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެން ފަހުމީ މިއަދު ވިދާޅުވެއްޖެ އެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ “އެކްސް” ގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ކަސްޓަމަރުންނަށް ޒަމާނީ ހިދުމަތްތައް ފޯރުކޮށްދީ، ކުންފުންޏާމެދު އޮންނަ އިތުބާރު އިތުރުކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ސްމާޓް މީޓަރު ހަރުކުރެވި، ސްމާޓް އެޕްލިކޭޝަން ކަސްޓަމަރުންނަށް ތަޢާރަފުކުރުމަށް ބޭނުންވާ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ކުރިއަށްދާ ކަމަށެވެ.
އަދި ސެޕްޓެމްބަރު މަހުގެ ނިޔަލަށް ސްޓްލްކޯގެ ހުރިހާ ކަސްޓަމަރުންގެ މީޓަރުތައް ސްމާޓް މީޓަރަށް ބަދަލު ކުރެވިގެންދާނެ.
ފަހުމީ ވިދާޅުވީ ސްމާޓް މީޓަރުގެ މި ސްމާޓް އެޕްލިކޭޝަނާއެކު، ކަސްޓަމަރުންނަށް މީޓަރުގެ މައުލޫމާތު ފެނި، ގަޑިއިރަކަށް، ދުވާލަކަށް އަދި ހަފްތާއަކަށް ކަރަންޓު ބޭނުންކުރެވޭ މިންވަރު ވެސް ފެންނަމުންދާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ސްމާޓް މީޓަރުގެ ހިދުމަތާއެކު ކަސްޓަމަރުންނަށް ލިބިގެންދާނެ އެންމެ ބޮޑު ފައިދާއަކީ، ކަރަންޓު ބޭނުންކުރެވޭ މިންވަރު ބަލައި، ކަރަންޓު އިގްސާދުކުރުމަށް ހާއްސަ ސަމާލުކަމެއް ދެވި، ކަރަންޓަށް ކުރާ މާލީ ހަރަދު ކުޑަކުރެވިގެން ދިއުން ކަމަށެވެ.
މީގެ އިތުރުން، އެއް ބިލަށްވުރެ ގިނަ ބިލަށް އެއްފަހަރާ ފައިސާ ދެއްކުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި އަދި ސްޓެލްކޯ ކެއާ މެދުވެރިކޮށް، ކަސްޓަމާ ސާވިސް މުވައްޒަފުންނާ މުއާމަލާތުކުރުމުގެ ފުރުސަތު ވެސް ސްމާޓް އެޕްލިކޭޝަނުން ލިބިގެންދާނެ ކަމަށެވެ.
ތަރައްގީގެ އެންމެ މުހިންމު ބައިވެރިއެއްގެ ހައިސިއްޔަތުން، ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމުގައި ކުންފުންޏާމެދު ކަސްޓަމަރުންގެ އިތުބާރު ދެމެހެއްޓުމާއި، ޒަމާނީ ޓެކްނޮލޮޖީއާއެކު ލިބިގެންދާ ފަސޭހަތަކާއި، ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ފުރިހަމަ ހިދުމަތެއް ދެމުން ގެންދިއުމަކީ ސްޓެލްކޯގެ އެންމެ މުހިންމު އަމާޒު ކަމަށް ވިދާޅުވި އެވެ.
އަދި އެ އަމާޒަށް ވާސިލުވުމުގައި ސަރުކާރާއި، ރައީސުް ޑރ. މުޙައްމަދު މުއިއްޒުގެ ފަރާތުން އަބަދުވެސް ލިބެމުންދާ އެއްބާރުލުމާއި، ހަރުދަނާ އިރުޝާދުތަކަށް އޭނާ ވަނީ ޝުކުރު އަދާކޮށްފަ އެވެ.