ހުސްވެފައިވާ ސުޕްރީމްކޯޓުގެ ދެ ފަނޑިޔާރުކަމުގެ މަގާމަށް ބޭފުޅުން އައްޔަނުކުރުމުގެ މައްސަލަ މާދަމާ ފަށާ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.
މަޖިލީހުން ނެރެފައިވާ މާދަމާގެ ޖަލްސާގެ އެޖެންޑާގައި ބުނެފައިވާ ގޮތުން ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ މަގާމަށް އައްޔަނުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ހުށަހެޅުއްވި ނަންތަކާމެދު ގޮތެއް ނިންމުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާނެ އެވެ.
ސުޕްރީމް ކޯޓަށް އައްޔަނުކުރާ ފަނޑިޔާރުންގެ މައްސަލަ އެޖެންޑާކުރި އިރު އެ ކޯޓުގެ ފަނޑިޔާރު ކަމަށް ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމް އާއި ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު އައްޔަން ކުރުމަށް ރައީސް މުހައްމަދު މުއިއްޒަށް ލަފާ ދިނުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް މިދިޔަ އަންގާރަ ދުވަހު އޮތީ ނިންމައިފި އެވެ.
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ މަގާމު ހުސްވީ ކުރިން ފަނޑިޔާރުކަމުގައި ތިއްބެވި މަހާޒް އަލީ ޒާހިރު އަދި ޑރ. އަޒްމިރަލްދާ ޒާހިރު މަގާމުން ވަކިކުރުމުން ނެވެ. އެ ދެ ބޭފުޅުން ވަކިކުރީ އަޒްމިރަލްދާގެ ފިރިކަލުން އަދި އައިޖީއެމްއެޗްގެ ޑޮކްޓަރު އިސްމާއީލް ލަތީފް ބަންދުން ދޫކުރުމަށް ދެ ބޭފުޅުން ވެސް ނުފޫޒު ފޯރުވާފައިވާ ކަމަށް ބުނާ މައްސަލައި ޖޭއެސްސީ ބަލައި މަޖިލީހުން ނެގި ވޯޓަކުން ނެވެ.
އަޒްމިރަލްދާ އާއި މަހާޒްގެ މައްސަަލައާ އެކުއެކީ އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއް ސުއޫދުވެސް ސަސްޕެންޑްކޮށް ސުލޫކީ މައްސަލައެއް ބަލަން އުޅުމުން އޭނާ ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. ސުއޫދުގެ ބަދަލުގައި އެ މަގާމަށް ފަހުން ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު އައްޔަނުކޮށްފަ އެވެ.