
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީސް އެއް ދުވަހެއްގައި ބޭއްވުމުން، އެއިރެއްގައި އޮންނަ ސަރުކާރަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބުން ނިމުމަކަށް އަންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ރޭ ވިދާޅުވީ ޑިމޮކްރެސީގެ އެންމެ މުހިންމު އެއް އަސާދަކީ މިނިވަން އަދި އިންސާފުވެރި އިންތިހާބެއް ބޭރުން ކަމަށެވެ. އެހެންކަމުން އެ އަސާސް މިހާރަށްވުރެ ރަނގަޅަށް ތަންފީޒު ކުރުމަށް ރިޔާސީ އިންތިހާބާއި މަޖިލީސް އިންތިހާބާ ދެމެދު އޮންނަ މުއްދަތު އުވާލަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ 2 އިންތިހާބު އެއްދުވަހެއްގައި ބޭއްވުމުން، ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވަޑައިގަންނަވާނީ ކޮން ބޭފުޅެއްކަން ނޭނގޭނެ ކަމަށާއި، އެހެންކަމުން މަޖިލީހަށް ވާދަކުރާ އެއްވެސް މީހަކަށް އެއީ ‘ސަރުކާރު ކެނޑިޑޭޓް’އޭ ބުނުމުގެ ފުރުސަތު ނުލިބޭނެ ކަމަށެވެ. އަދި ސަރުކާރު ކެނޑިޑޭޓްގެ ނަމުގައި ނުކުމެ އެއްވެސް ނުފޫޒެއްވެސް ނުފޯރުވޭނެ ކަމަށެވެ.
“އޭރުން އެކި ފާޓީތަކަށް ޑިސްޓްރިބިއުޓްވާ މަޖިލީހެއް އޮންނާނީ. އެ މަޖިލީހަކަށް ނޫންތޯ ސަރުކާރު ޖަވާބުދާރީ ކުރެވޭނީ،” ރައީސް ވިދާޅުވިއެވެ.
އޭގެ ނަތީޖާއަކީ މަޖިލީހުގައި އެކި ޕާޓީތަކުގެ ހޮވޭ މެންބަރުން ގިނަވުން ކަމަށާއި، ސަރުކާރު ޖަވާބުދާރީ ކުރުވޭނީވެސް އޭރުން ކަމަށް ރައީސް ވިދާޅުވިއެވެ.
“[މަޖިލީހުގެ] ސުޕަ މެޖޯރިޓީގެ ނިޒާމް ނެތިކޮށްލެވޭނީ ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވައިގެން،” ރައީސް ވިދާޅުވިއެވެ.

