
ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމާއި، 2021ވަނަ އަހަރު ދޫކުރި 500މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކް ކާމިޔާބުކަމާއެކު އަނބުރާ ދެއްކުމާ ގުޅިގެން ދައުލަތުގެ މާލީ ހާލަތު ވަރުގަދަވެފައިވާ ކަމަށް ރިޕޯޓް ދައްކައިފިއެވެ.
ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން 02އެޕްރީލް 2026ގެ ނިޔަލަށް އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް ރިޕޯޓުން ދައްކައިފިއެވެ. 02އެޕްރީލް 2026ގެ ނިޔަލަށް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު ވަނީ 12.4ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 11.1ބިލިއަން ރުފިޔާއާ އަޅާބަލާއިރު 11.6އިންސައްތައިގެ ކުރިއެރުމެކެވެ. އަދި ދައުލަތުގެ ބަޖެޓުގެ އޯވަރޯލް ބެލެންސްއަށް ބަލާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ހުރި 1.8ބިލިއަން ރުފިޔާގެ ސާޕްލަސްއާ އަޅާބަލާއިރު، މިއަހަރު ވަނީ 2.3ބިލިއަން ރުފިޔާގެ ސާޕްލަސްއެއް ރެކޯޑުކުރެވިފައެވެ.
މި މުއްދަތުގެ ތެރޭގައި ފާހަގަކޮށްލެވޭ އެންމެ މުހިންމު ކަމަކީ، 500މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކާއި، އޭގެ ކޫޕަން ޕޭމަންޓުގެ ގޮތުގައި ދައްކަންޖެހޭ 24.68މިލިއަން އެމެރިކާ ޑޮލަރު ސަރުކާރުން ކާމިޔާބުކަމާއެކު ދައްކައި ހަލާސްކުރުމެވެ. މި ފައިސާ ދައްކާފައިވަނީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑާއި، ބޭރު ފައިސާގެ ރިޒާވް ބޭނުންކޮށްގެންނެވެ. މިއީ ދައުލަތުގެ ދަރަނި މެނޭޖްކުރުމަށާއި، ދަރަނި ދެއްކުމުގެ ގާބިލުކަން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
މިއީ ބޭރު ފައިސާގެ އާމްދަނީ އިތުރުކުރުމަށާއި ރާއްޖޭގެ ބޭރުގެ މާލީ ހާލަތު ރަނގަޅުކުރުމަށް 2024ވަނަ އަހަރުން ފެށިގެން ތައާރަފުކުރި ސިޔާސަތުތަކުގެ ނަތީޖާކަން ވެސް މިކަމުން ހާމަވެއެވެ. މި ފިޔަވަޅުތަކުގެ ތެރޭގައި އާމްދަނީ އިތުރުކުރުމަށް ގެނައި އިސްލާހުތަކާއި މަނިޓަރީ ސިޔާސަތަށް ގެނައި ބަދަލުތައް ހިމެނެއެވެ. ހާއްސަކޮށް، ބޭރު ފައިސާއާ ބެހޭ ގާނޫނާއި، ބޭރު ފައިސާއިން ލިބޭ އާމްދަނީ މާރުކުރުން ލާޒިމުކުރާ ގަވާއިދުތައް ތަންފީޒުކުރުން ހިމެނެއެވެ. މި ސިޔާސަތުތަކުގެ ސަބަބުން މާރިޗު 2026ގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވް އިތުރުވެ، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި ބޭރު ފައިސާ ޖަމާކުރެވި، ސުކޫކް އަނބުރާ ދެއްކުމަށް މަގުފަހިވެގެންދިޔައެވެ.
އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް ރިޕޯޓުން ދައްކާގޮތުގައި، ދައުލަތުން ދަރަނި އަނބުރާ ދެއްކި މިންވަރު ވަނީ އިތުރުވެފައެވެ. ފާއިތުވި ހަފްތާގެ ނިޔަލަށް ލޯނު އަނބުރާ ދެއްކި މިންވަރު 8.5ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، 2025ވަނަ އަހަރުގެ އެ މުއްދަތުގައި މި އަދަދު ހުރީ 2.4ބިލިއަން ރުފިޔާގައެވެ. މިއީ 254.5އިންސައްތައިގެ އިތުރުވުމެކެވެ. ހަމައެއާއެކު، އިންޓްރެސްޓަށް ހޭދަވި މިންވަރު ވަނީ 1.51ބިލިއަން ރުފިޔާއިން 1.08ބިލިއަން ރުފިޔާއަށް ދަށްވެފައެވެ. މިއީ 28.5އިންސައްތައިގެ ދަށްވުމެކެވެ.
ދައުލަތުގެ އާމްދަނީގެ މައިގަނޑު އަސާސަކީ ޓެކްސް އާމްދަނީއެވެ. ފާއިތުވި ހަފްތާގެ ނިޔަލަށް ޓެކްސްގެ ގޮތުގައި 10.0ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 2025ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 8.3ބިލިއަން ރުފިޔާއާ އަޅާބަލާއިރު 20.2އިންސައްތައިގެ އިތުރުވުމެކެވެ. މީގެ ތެރެއިން މުދަލާއި ހިދުމަތްތަކުން ނަގާ ޓެކްސް (ޖީ.އެސް.ޓީ)ގެ ގޮތުގައި 5.6ބިލިއަން ރުފިޔާ ނުވަތަ 17.8އިންސައްތަ އިތުރަށް ލިބިފައިވާއިރު، ފަތުރުވެރިކަމުގެ މުދަލާއި ހިދުމަތްތަކުން ނަގާ ޓެކްސް (ޓީ.ޖީ.އެސް.ޓީ)ގެ ގޮތުގައި 4.1ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތުގައި ލިބުނު 3.4ބިލިއަން ރުފިޔާއާ އަޅާބަލާއިރު 19.0އިންސައްތައިގެ ކުރިއެރުމެކެވެ. ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ފާއިތުވި ހަފުތާގައި އާމްދަނީއަށް އައި އެންމެ ބޮޑު ކުރިއެރުމަކީ ޓީ.ޖީ.އެސް.ޓީން ލިބުނު އާމްދަނީއެވެ.

