“ސިޔާސީ ކުލަ ޖައްސައިގެން” މިސްކިތްތައް ހުޅުވަން ބޮޑެތި ރަސްމިއްޔާތަކެއް ނުބާއްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އެގޮތަށް ވިދާޅުވީ އައްޑޫ މަރަދޫގައި ސަރުކާރުން އިމާރާތްކޮށްފައިވާ ހުޅުވާނެ އިރަކާ ބެހޭ ގޮތުން އެ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދުދީދީ ކުރެއްވި ސުވާލަކާ ގުޅިގެންނެވެ. ދީދީގެ ސުވާލުގެ ތެރޭގައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަންނަ ހަފުތާގައި އައްޑު ވަޑައިގަންނަވާނެ ކަމަށް މައުލޫމާތު ލިބިފައިވާތީ އެ ދަތުރުގައި މަރަދޫ އާ މިސްކިތުގެ ރިބަން ކަނޑާނެ ކަމަށް އިޝާރާތް ކުރެއްވުމާ ގުޅިގެންނެވެ.
ދީދީގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ރައީސް މުއިއްޒު ރަށްރަށަށް ވަޑައިގަންނަވަނީ ތަންތަން ހުޅުއްވައި ދެއްވަން ނޫން ކަމަށާއި އެ މަނިކުފާނު ރަށްރަށަށް ޒިޔާރަތްކުރައްވަނީ ރައްޔިތުންގެ ހާލު ބައްލަވައި، އެ މީހުން އަޑުއައްސަވައި، ބައްދަލުކުރައްވަން ކަމަށެވެ.
އޭނަ ވިދާޅު މަރަދޫ މިސްކިތް މިހާރު ހުރީ ގާތްގަނޑަކަށް ނިމިފައި ކަމަށެވެ. އެ މިސްކިތަކީ ކުރީގެ ސަރުކާރުން މާޗް 22، 2022 ގައި ބިންގާ އެޅި މިސްކިތެކެވެ.
މިނިސްޓަރު ވިދާޅިވީ އެ މިސްކިތުގައި މިހާރު ކުރަން ހުރި ކުދިކުދި މަސައްކަތްތައް މަރަދޫގެ ފަރާތްތަކާ ގުޅިގެން އަޅުގަނޑުމެން ކުރަމުން އަންނަ ކަމަށެވެ.
“އެހެންވީމާ ވަރަށް އަވަހަށް އެތަން ރަސްމީކޮށް ހުޅުވާނެ.” ވަކި ތާރީހެއް ނުދެއްވައި އޭނަ ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ މިސްކިތްތަކަކީ އަޅުކަން ކުރަން ގާއިމުކުރާ ބިނާއެއް ކަމަށާއި އެއީ ރޫހާނީ މަރުކަޒުތަކެއް ކަމަށެވެ. އެހެންވެ، އެ ތަންތަން ހުޅުވަން މާ ބޮޑު ރަސްމިއްޔާތުތަކެއް ބޭއްވުމަކީ ކުރަން ބޭނުންފުޅުވާ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.
“އެ ތަންތަން ހުޅުވުމުގައި އަޅުގަނޑުމެން މި އަމަލުކުރަނީ ވަރަށް މާތް ގޮތަކަށް. އެހެންވީމާ އެ މަގުން އެކަންކަން ކުރިއަށް ދާނީ،” މިނިސްޓަރު ވިދާޅުވިި އެވެ. “މާ ސިޔާސީ ކުލަ ޖައްސައިގެން އެކަންކަން ކުރިއަށް ގެންދިއުމުގެ ވިސްނުމެއް ނެތް.”