
އެމްއެންޑީއެފްގެ އެއާ ކޯގެ ފުރަތަމަ އެއާ ސްޓޭޝަން ގާއިމުކޮށް، މިއަދު ހިދުމަތް ފަށައިފިއެވެ.
މި ސްޓޭޝަން ގާއިމުކޮށް ހިދުމަތް ފެށުމަށް ނިިންމަވާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނެރުއްވި ގަރާރަކުންނެވެ.
ރައީސް އޮފީހުން ބުނީ އެއާ ސްޓޭޝަން ގާއިމް ކުރަނީ ދިވެހިންގެ ދީނާއި ދިވެހިންގެ މިނިވަންކަމާއި ރާއްޖޭގެ ސިޔާދަތީ ބާރު ނަގަހައްޓައި ދެމެހެއްޓުމަށްޓަކައި ރާއްޖޭގެ ވައިގެ ސަރަހައްދާއި ހާއްސަ އިގްތިސޯދީ ސަރަހައްދު ބެލެހެއްޓުމަށާއި އަދި ވައިގެ ވަސީލަތްތައް ބޭނުންކޮށްގެން އޮޕަރޭޝަންތައް ހިންގުމަށް ކަމަށެވެ.
ރައީސްގެ ގަރާރުގައި ވަނީ، ރެޔާ ދުވާލު 24 ގަޑިއިރު ހުއްޓުމެއްނެ ނެތި ވައިގެ ސަރަހައްދު ދިފާއުކޮށް ބެލެހެއްޓުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ދިވެހި އަސްކަރިއްޔާއާ މަތިކުރެވިފައިވާ ޒިންމާއާއި ވާޖިބު އެންމެ ފުރިހަމަގޮތުގައި އަދާކުރުމަށް ޓަކައި އެ އެއާ ސްޓޭޝަނުގެ ހިދުމަތް ފެށުމަށް މި ގަރާރުން ވަނީ ދިވެހި ސިފައިންގެ މައްޗަށް އަމުރުކޮށްފައެވެ.
ރައީސް އެގޮތަށް އަންގަވާފައި ވަނީ ގާނޫނުއަސާސީގެ 106 ވަނަ މާއްދާ އާއި ސިފައިންގެ ގާނޫނުގެ ދަށުން ސިފައިންގެ އެންމެ މަތީވެރިޔާގެ ހައިސިއްޔަތުން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ބާރާއި އިހުތިޔާރުގެ ދަށުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސްގެ ގަރާރަކުން އެމްއެންޑީއެފްގެ އެއާ ކޯ އުފެއްދެވީ މާޗް 15، 2024 ގައެވެ. އެއާ ކޯގެ ހިދުމަތް ފެށުމަށްޓަކައި އަސްކަރީ ޑްރޯން ނުވަތަ އަންމޭޑް އޭރިއަލް ކޮމްބެޓް ވެހިކަލް (ޔޫއޭވީ) މިދިޔަ އަހަރު ވަނީ ރާއްޖެ ގެނެސްފައެވެ.

