
ސިވިލް ކޯޓުގެ ހިދުމަތްތައް ހޯދުމަށް ކަނޑައަޅާފައި ހުންނަ ފީތައް އެތައް ގުނައަކަށް ބޮޑުކޮށްފިއެވެ.
މިހާރު އަމަލުކުރަމުންދާ ސިވިލް ކޯޓުގެ ހިދުމަތްތަކަށް ފީ ނެގުމުގެ އިދާރީ އުސޫލުގައި އޮންނަ ގޮތުން، އެއްބަސްވުމާއި ލިޔުން ރަޖިސްޓްރީކުރުމާއި ތަސްދީގުކުރުމަށް ނަގަނީ 100 ރުފިޔާގެ ފީއެކެވެ.
ނަމަވެސް އާ އުސޫލުގައި ވަނީ އެތައް ގުނައެއް ފީ ބޮޑުކޮށްފައެވެ. އެއްބަސްވުމެއް ނުވަތަ ލިޔުމެއް ރަޖިސްޓްރީކޮށްދިނުމަށް، އާ އުސޫލުގެ ދަށުން ދެން ނެގޭނީ 2500 ރުފިޔާގެ ފީއެކެވެ. އެއްބަސްވުމެއް ނުވަތަ ލިޔުމެއް ތަސްދީގުުކުރުމަށް 1500 ރުފިޔާގެ ފީއެއް ނަގާނެއެވެ. އަދި ޑިއު ޑިލިޖެންސްގެ ބޭނުމަށް މައުލޫމާތު ސާފުކޮށްދިނުމަށް ފީގެ ގޮތުގައި 500 ރުފިޔާ ނަގާނެއެވެ.
ހަމައެހެންމެ، ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ދޫކުރުމަށް އިދާރީ ފީގެ ގޮތުގައި 100 ރުފިޔާ ނެގުމަށް ވެސް ވަނީ ހަމަޖެހިފައިއެވެ. މި ރިޕޯޓުގެ ޕްރިންޓު ކޮޕީއެއް ނަގާ ނަމަ ކޮންމެ ސަފުހާއަކަށް 5 ރުފިޔާ ނެގާނެއެވެ.

