
ސިނަމާލެ ފްލެޓުތަކުގައި ދިރިއުޅުއްވާ ރައްޔިތުންނަށް ދިމާވާ މައްސަލަތަކަށް ޙައްލު ހޯދުމަށް ސީދާ ސަރުކާރު ތެރެއިން މަސައްކަތް ކޮއްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރޭ ގަލޮޅު ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް އިމާދުއްދީން ސްކޫލުގައި ބޭއްވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ފްލެޓުތަކުގެ މެއިންޓެއިނަސްގެ މަސައްކަތްތައް ކުރުމާއި، އެތަންތަނާ ގުޅޭ އެހެނިހެން ކަންކަން ބެލެހެއްޓުމާއި ހައްލުކުރުމަކީ ސިޓީ ކައުންސިލުގެ ޒިންމާއެއް ކަމަށާއި އެކަންކަން ސިޓީ ކައުންސިލު ކުރަމުން ނުދާ ކަމަށެވެ. އަދި އެމަނިކުފާނު ސިޓީ ކައުންސިލްގެ މޭޔަރަކަށް ހުންނެވި ދުވަސްވަރު، ފުލެޓުތަކުގެ ހުރިހާ ޖޫރިމަނާތަކެއް ކެންސަލްކުރެއްވިކަން ރައީސް ފާހަގަކުރެއްވިއެވެ.
“މިއީ ހަމަ ސީރިއަސް އިޝޫތައް. އަޅުގަނޑު ތިބޭފުޅުންގެ ކަންބޮޑުވުންތަކަށް ކިހިނެއްތޯ އެޑްރެސްކުރެވޭނީ ބަލާނަން. ސަރުކާރުން ސީދާ. މިހާރު ސިޓީ ކައުންސިލުން ކުރަންޖެހޭ ކަމެއް ކައުންސިލަކަށް ނުކުރެވުނު. ސަރުކާރުން މިކަމުގެ ތެރެއަށް ވަދެގެން ކުރެވޭނެ ކަމެއް. ކޮންމެ ގޮތަކަށް ނަމަވެސް މި ތަނަކީ ރައްޔިތުންނަށް ލިބިފައިވާ ރައްޔިތުންގެ ބޯހިޔާވަހިކަމެއް. ރައްޔިތުން އުޅެމުންދާ ތަންތަން. އެ ތަނުގެ ރައްޔިތުން އެތާ އުޅުމަށް ވަރަށް ގިނަ ތަޙައްމަލުތަކެއް އުފުލަމުންދާ ތަނެއް.” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެ އިތުރުން، މި މައްސަލަ ހައްލުކުރުމަށް ސަރުކާރުގެ ކުންފުނިތަކުގެ އެހީތެރިކަން ވެސް ހޯދައި، ކަމާބެހޭ އިދާރާތަކާ މަޝްވަރާކުރުމަށް ފަހު، މި ފްލެޓުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ރަނގަޅު ޖަވާބެއް ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

