
ހުޅުމާލެ އެމްޕީއެލް ބަނދަރުގައި ބަހައްޓާފައި ހުރި 13 މިލިއަން ސިނގިރޭޓާއެކު ހުރި ދެ ކޮންޓެއިނަރު ވަގަށް ނެގުމަށް ފަންޑުކުރިކަމަށް ފުލުހުން ތުހުމަތުކުރާ މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އާއި އެޕޯލޯ ހޯލްޑިންގްސްގެ ސީއީއޯ މުޙައްމަދު ވަހީދު (ދިގަލި) ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި އެވެ.
ރާއްޖެއަށް ސިއްރުން އެތެރެކުރަނިކޮށް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންދިޔަ ގިނަ އަދަދެއްގެ ސިނގިރޭޓް ރައްކާކޮށްފައި ހުރި ކޮންޓެއިނަރު ވަގަށް ނަގާފައިވާ މައްސަލާގައި 11 މީހެއްގެ މައްޗަށް ދައުވާކުރުމަށް އެދި މި މަހުގެ 3 ވަނަ ދުވަހު ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ ޕީޖީ އޮފީހަށް ހުށައަޅާފައެވެ.
ޕީޖީ އޮފީހުން ބުނީ، މި މައްސަލާގައި ދައުވާކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އަދި ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ދަޢުވާކުރުމަށް ކޯޓަށް ހުށައަޅުއްވާނެކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ޕީޖީ އޮފީހަށް މައްސަލައެއް ހުށައަޅައިތާ 15 ދުވަހުގެ ތެރޭގައި ދައުވާކުރަން ފޮނުވަންވާނެއެވެ.
ތުހުމަތުކުރެވޭ ވަކިވަކި މީހުން، ކުށުގެ ޢަމަލުގައި ބައިވެރިވެފައިވާ ނިސްބަތާއި، އެމީހުންގެ މައްޗަށް ކުރެވެންހުރި ދައުވާތަކާއި، ކަނޑައެޅެން އޮތް އަދަބަށް ރިޢާޔަތްކޮށް ތުހުމަތުކުރެވޭ މީހުންގެ ބަންދު މިއަދު މުރާޖައާކޮށްފައިވާކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
އެގޮތުން މި ކުށުގެ ޢަމަލު ރޭވިކަމަށް ތުހުމަތުކުރެވޭ ބ. އޭދަފުށި، ދިގަލި، މުޙައްމަދު ވަޙީދާއި، މއ. އެވަރގްލޯރީ، އަޙްމަދު ޢާރިފް އަދި ކޮންޓެއިނަރ ވަގަށްނަގައިގެން ގެންދިޔަ ތިލަފުށީ ސައިޓާ ޙަވާލުވެގެން ހުރިކަމަށް ތުހުމަތުކުރެވޭ ކ. ތުލުސްދޫ، ލިންކް، ޙަސަން ޢަބްދުއްރަޙްމާން ޝަރުތުކޮށްފައި ބަންދުން ދޫކޮށްދިނުމަށް އެދި މިއަދު ކްރިމިނަލް ކޯޓަށް ހުށަހެޅުމުން، އެ މީހުންގެ ބަންދާމެދު ކޯޓުން ގޮތް ނިންމަވާފައިވާ ކަމަށް ޕީޖީން މައުލޫމާތުދެއެވެ.
ޕީޖީން ބުނީ ބ. އޭދަފުށި، ދިގަލި، މުޙައްމަދު ވަޙީދާއި، މއ. އެވަރގްލޯރީ، އަޙްމަދު ޢާރިފް ޝަރުތުކޮށްފައި ބަންދުން ދޫކޮށްލުމަށް ނިންމާފައިވާނީ، އެމީހުންގެ މައްޗަށް ކުރެވޭ ތުހުމަތަކީ މި ކުށް ކުރުމަށް ރޭވުންކަމަށްވާއިރު، މި ވައްކަން ކުރުމުގައި ޢަމަލީގޮތުން ބައިވެރިވެފައިވާކަމުގެ ހެކި ލިބިފައި ނުވާތީކަމަށެވެ. އަދި ކ. ތުލުސްދޫ، ލިންކް، ޙަސަން ޢަބްދުއްރަޙްމާން ޝަރުތުކޮށްފައި ބަންދުން ދޫކޮށްލުމަށް ނިންމާފައިވާނީވެސް އޭނާ މި ވައްކަން ކުރުމުގައި އަމަލީގޮތުން ބައިވެރިވެފައިވާކަމަށް ތުހުމަތުނުކުރެވޭތީކަމަށެވެ.
ނަމަވެސް ކ. މާލެ، ދަފްތަރު ނަންބަރު ރސ 1355، މުޙައްމަދު ޝަރީފަކީ މި މައްސަލަ މި އޮފީހަށް ހުށަހެޅުނުއިރު ބަންދުގައި ހުރި މީހަކަށް ނުވާތީ، އޭނާގެ ބަންދު މުރާޖައާކުރަންޖެހޭ ހާލަތެއް ނެތްކަމަށް ޕީޖީން ބުނެއެވެެ.
އެހެންކަމުން، މި މައްސަލާގައި މިހާރު ބަންދުގައި ތިބީ ހދ. ވައިކަރަދޫ، މެދުރީގެ، ޒިވާރު އިސްމާޢީލްއާއި، ހދ. ވައިކަރަދޫ، ނޫރަލީގެ، އަޙްމަދު ޝަހީމްއާއި، ހ. ރުމޭނިޔާ، އަޙްމަދު ފިރުސާންއާއި، ސ. ހިތަދޫ، ޗާނދަނީގެ، ޙުސައިން ސާމިޙުއާއި، ނ. މިލަދޫ، ކެނެރީގެ، އާދަމް ވަޙީދާއި، ބަނގުލަދޭޝް، މުޙައްމަދު އަލަމިން މިއާ، ގެ އިތުރުން ހ. ނިއުހެޕިނަސް، މުޢާޛު ޢަލީއެވެ.
ޕީޖީ އޮފީހުން ބުނީ، ބަންދުގައި ތިބި މީހުންގެ ބަންދު މުރާޖަޢާކުރުމަށްފަހު، މިވަގުތު ބަންދަށް ބަދަލެއް ގެންނަންޖެހޭ ޙާލަތެއް ނެތްކަމަށް ނިންމާފައިވާނެ ކަމަށެވެ. އެއީ އެ މީހުންނަކީ މި ވައްކަން ކުރުމުގައި ޢަމަލީގޮތުން ބައިވެރިވިކަމަށް ތުހުމަތުކުރެވޭ މީހުން ކަމަށްވުމާއި އޭގެ ތެރެއިން ބައެއް މީހުންނަކީ ދައުލަތުގެ މުވައްޒަފުންނަށްވެތިބެ މި ކުށް ކުރުމުގައި އެމީހުންގެ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރިކަމަށް ތުހުމަތުކުރެވޭ މީހުން ކަމުގައިވާތީކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ.
މި މައްސަލާގައި ދައުވާކުރުމަށް ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ކުރިއަށްދާއިރު، މިހާރު ބަންދުގައި ތިބި މީހުންގެ ބަންދާ މެދު ތަފާތު ގޮތަކަށް ނިންމަންޖެހޭކަމަށްވާނަމަ އެ މީހުންގެ ބަންދު މުރާޖައާކުރާނެ ކަމަށް ޕީޖީން ވަނީ ބުނެފައެވެ. އަދި މި މައްސަލާގައި 11 މީހުން ބަންދުކުރިއިރު، ޕީޖީއަށް ދައުވާކުރަން ހުށައެޅިއިރު، މުޙައްމަދު ޝަރީފް ބަންދުގައި ނެތުމުން އޭނާ ބަންދު މުރާޖައާކޮށްފައި ނުވާ ކަމަށް ވެސް ޕީޖީން ވަނީ ބުނެފައެވެ.
ރާއްޖެ އަށް ވަގަށް އެތެރެކުރި 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރީ 1،360 ކޭސް ސިނގިރޭޓެވެ. އެއީ ޖުމްލަ 13.6 މިލިއަން ސިނގިރޭޓް ސްޓިކެވެ.
ކަސްޓަމްސް އިން ބުނެފައިވާ ގޮތުން އަތުލައިގަތް ބްރޭންޑުތަކުގެ ސިނގިރޭޓަށް އާއްމުކޮށް ކަނޑައަޅާފައިވާ އަގުތަކުން ޑިއުޓީ ދައްކާއިރު، 13.6 މިލިއަން ސިނގިރޭޓަށް 122 މިލިއަން ރުފިޔާ އަރާނެ އެވެ.

