
ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ދޭ ސާވިސް ޗާޖު ބޭރު ފައިސާއިން ދޭންޖެހޭ ގޮތަށް ހަދަން ވަޒީފާގެ ގާނޫނު ބަދަލު ގެންނަން އިސްލާހު މިއަދު ހުށަހަޅައިފި އެވެ.
އެ އިސްލާހު ހުށަހެޅުއްވީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު އެވެ.
މައުރޫފް ހުށަހެޅުއްވި އިސްލާހުގެ ބިލުގައި ބުނެފައިވާ ގޮތުން ސާވިސް ޗާޖުގެ ގޮތުގައި ނަގާ ފައިސާގެ ބާވަތުން އެ ފައިސާ މުވައްޒަފުންނަށް ބެހުމުގެ ބަދަލުގައި އެ ބޭރު ފައިސާ ދަނީ ދިވެހި ރުފިޔާއަށް މާރުކުރަމުން ނެވެ. އަދި އެ ދިވެހި ރުފިޔާ ސާވިސް ޗާޖުގެ ގޮތުގައި ދެމުންދާ ކަމަށް ވެސް މައުރޫފް ފާހަގަކޮށްފައި ވެއެވެ.
އެހެން ނަމަވެސް އޭގެ ސަަބަބުން ސާވިސް ޗާޖުން އެންމެ ފުރިހަމަ މަންފާޒ ނުލިބޭ ކަމަށް ފާހަގަކޮށްފައި ވެއެވެ.
އެހެންވެ މައުރޫފް ހުށަހެޅުއްވި ބިލުގައި ވަނީ ސާވިސް ޗާޖުގެ ގޮތުގައި ނަގާ ފައިސާގެ ތެރެއިން މުވައްޒަފުންނަށް ބަހަން ޖެހޭ ފައިސާގެ ބާވަތް ބަދަލުކުރުމަށް ވަޒީފާ ދޭ ފަރާތުން އެ ފައިސާ ދިވެހި ރުފިޔާއަށް މާރުކޮށްގެން ނުވާނެ ކަމަށް ހަދަން ވަނީ ހުށަހަޅައިފަ އެވެ.
އޭގެ އިތުރުން ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މުވައްޒަފު ވަގުތީ އެއްބަސްވުމެއްގެ ދަށުން ނުވަތަ ތިންވަނަ ފަރާތެއްގެ މުވައްޒަފެއްގެ ގޮތުގައި މަސައްކަތް ކުރާއިރު ސީދާ ގޮތުން ފަތުރުވެރިންނަށް ހިދުމަތްތައް ފޯރުކޮށްދިނުމުގައި މަސައްކަތް ކުރާނަމަ އެ މުވައްޒަފުންނަށް ވެސް ސާވިސް ޗާޖު ދިނުމުގައި ތަފާތުކޮށްގެން ނުވާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

